ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބ. އޭދަފުށީގައި އިމިގްރޭޝަން އޮފީހެއް ހުޅުވާ ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ރައީސް ފައްޓަވައިދެއްވާފައިވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެންނެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ބ. އަތޮޅު އިމިގްރޭޝަން އޮފީސް މިއަދު ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވާފައިވާކަމަށާއި، މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މި އޮފީހުން ޕާސްޕޯޓުގެ އިތުރުން އައިޑީކާޑުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ.

އައިޑީކާޑުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.