ބ. އޭދަފުށި ފަތާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު އެ ރަށު ކައުންސިލުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގައި ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީއެވެ. އަދި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހުއެވެ.

އެ ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ސަލީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ތެރޭގައި ފަތާ ސަރަހައްދެއް ހެދުމަށްޓަކައި ފަޅު ތެރެއިން 15،914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ޖެހުމާއި 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މި މަޝްރޫއަކީ 4.63 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އޭދަފުށި ފަތާ ސަރަހައްދު ތަރައްގީ ކުރުމަށް އެމްޓީސީސީއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

3،500 މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަދި އެ ރަށަކީ މުޅި އަތޮޅުގައިވެސް އެންމެ ބޮޑު އާބަދީއެއް އޮންނަ ރަށްވެސް މެއެވެ. އެހެންކަމުން ރަށުގެ ރައްޔިތުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްހިންގައި ކާމިޔާބު ކަމާއިއެކު ނިންމާފައި ވެއެވެ.