އިއްޔެ ބ.އޭދަފުށްޓަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު އަލީ، އިންޑިއާގެ ޗެންނާއީގައި ނިޔާވިތާ 24 ގަޑިއިރު ނުވެ އޭނާގެ އަންހެން ކޮއްކޮ މިއަދު ނިޔާވެއްޖެއެވެ.
އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރު، އޭދަފުށީ ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި ނިޔާވިއިރު އޭނާގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ ނިޔާވީ އުމުރުން 85 އަހަރުގައެވެ.
ސިއްހީ ހާލަތު ދަށްވެ، ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް މުހައްމަދު އަލީ ނިޔާވިއިރު، އޭނާގެ ކޮއްކޮ ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހުއެވެ. އައިމިނަތުގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވި އެކި މައްސަލަތަކާ ހެދި އެނދުމަތިވެފައި އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.
އައިމިނަތު އަލީ ނިޔާވިއިރު، އާއިލާގެ ގިނަ މީހުން ތިބީ މުހައްމަދުގެ ޖަނާޒާއަށް އިންޑިއަށް ގޮހެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މުހައްމަދު އަލީ އަދި އައިމިނަތުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހުއެވެ.
ރާއްޖޭގައި ހުރި އެންމެ ރީތި މިސްކިތުގެ ބާނީ މުހައްމަދު އަލީ ނިޔާވުމާއި ގުޅިގެން ރައީސް ވަނީ އެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ މުހައްމަދު އަލީ ވަނީ ބ. އޭދަފުށީގެ ތަރައްގީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް، އިޖްތިމާއީ ކަންކަމަށް، ވަކީން ހާއްސަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ހިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
