ބ. އޭދަފުށީ ފަތާ ސަރަޙައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާ އެ ސަރަހައްދު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިތަން ރަސްމީކޮށް ހުޅުވައިދެއްވީ ބ. އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމެވެ.
މި ރަސްމިއްޔާތުގައި ބ. އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހާއި، ކައުންސިލްގެ މެންބަރުންގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަނެފައެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ މި މަޝްރޫއަކީ އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ ރަށު ކައުންސިލުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެއްކަމަށެވެ.
މި މަޝްރޫއު ނިންމާލުމާއެކު، އޭދަފުށީގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރި އުޅެވޭނެ ޒަމާނީ ފަތާ ސަރަހައްދެއް ލިބިގެންގޮސްފައިވާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މިއީ އަތޮޅުގެ ވެރިކަންކުރާ ރަށުގެ ހައިސިއްޔަތުން އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށްވެސް ލިބިގެންދިޔަ ފަސޭހައެއްކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގަމުންނެވެ. ބަނދަރު ހެދުމާ، ބިން ހިއްކުމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އިޖުތިމާއީ ތަރައްގީއާ ގުޅިފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން އަންނަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
