އިތުރު ތިން ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުން ފާސްކޮށްފިއެވެ.
އެގޮތުން ރައީސް ފޮނުއްވި ނަންތަކަކީ:
- އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު (ޗައިނާގެ ސަފީރުކަމަށް)
- ފޮރިން މިނިސްޓްރީގެ ކުރީގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު (ބަންގްލަދޭޝްގެ ސަފީރުކަމަށް)
- މުހައްމަދު ތާހާ (ސައުދީގެ ސަފީރުކަމަށް)
މި ތިން ބޭފުޅުންގެ ނަންތަކަށް ވަކިވަކިން ރިޔާސަތުން ވޯޓަށް އެހުމުން ރައްޔިތުންގެ މަޖިލީހުން ވަނީ މި ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. މެންބަރުން ވޯޓު ދެއްވި ގޮތަށް ބަލާއިރު:
- ޑރ. ފަޒީލް ނަޖީބު: 35 މެންބަރުން
- ޝިއުނީން ރަޝީދު: 35 މެންބަރުން
- މުހައްމަދު ތާހާ: 33 މެންބަރުން
ވޯޓުގައި ބައިވެރިވި އެއްވެސް މެންބަރަކު، ސަފީރުންގެ ނަންތައް ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދީފައެއް ނުވެއެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ޑރ. ފަޒީލް ވަނީ 1987 ވަނަ އަހަރުން 2004 ވަނަ އަހަރުގެ ނިޔަލަށް ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައެވެ. މީގެ އިތުރުން އެމްއެމްއޭގެ ކުރީގެ ގަވަރުނަރުކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ.
ބަންގްލަދޭޝްގެ ސަފީރުކަމަށް މަޖިލީހުން ރުހުން ދިން ޝިއުނީން ވަނީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަމުގެ މަގާމު ފުރުއްވައިފައެވެ. ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ރުހުން ހޯއްދެވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ޝިއުނީންގެ ނަން ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް އިތުރު ހަ ގައުމެއްގެ ސަފީރުކަމަށް ކަނޑައެޅުމަށް ރައީސް ފޮނުއްވި ނަންތަކަށް މަޖިލީހުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ރުހުންދީފައެވެ.