މި ސަރުކާރުން ބޭރު ގައުމުތަކަށް ކަނޑައެޅުމަށް ނަން ފޮނުއްވި ހުރިހާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އަށް ބޭފުޅަކަށް ރުހުން ދޭން ފާސްކޮށްފައެވެ. އެ ބޭފުޅުންނަކީ:
- ޔޫއޭއީގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އދ އަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު
- އިނގިރޭސިވިލާތުގެ ސަފީރުކަމަށް ކުރީގެ ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް
- ސްރީލަންކާގެ ސަފީރު ކަމަށް މަސްއޫދު އިމާދު
- މެލޭޝިއާގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހްމަދު
- ބެލްޖިޔަމަށާއި ވިލާތުގެ އިއްތިހާދުގެ ސަފީރު ކަމަށް ގީލާ އަލީ
- ޖެނީވާގަ ހުންނަ އދ އޮފީހުގެ ދާއިމީ މަންދޫބު ކަމަށް ޑރ. ސަލްމާ ރަޝީދު
- ސިންގަޕޫރުގެ ސަފީރު ކަމަށް މުހައްމަދު ލުވެއިޒް
މި އަށް ބޭފުޅުންގެ ތެރެއިން މުންދު ވަނީ މީގެ ކުރިން ސްރީލަންކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމާއި ޔޫތު މިނިސްޓަރުކަމާއި ރައީސް އޮފީހުގެ ވަޒީރުކަމުގެ މަގާމު ފުރުއްވައިފައެވެ.
މުންދުގެ އިތުރުން، ދެން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ޑރ. ނަސީރު ވަނީ ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކާއި އދ. ގެ ދާއިމީ މަންދޫބުކަން ވެސް މީގެ ކުރިން ކުރައްވައިފައެވެ.
ލުވެއިޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެންބަރުކަމާއި އެމްއެންޔޫގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވައިފައެވެ.