އުމުރުން 27 އަހަރުގެ ލީ ޔުއާން ކައިވެންޏަށް ތައްޔާރު ވުމުގެ ގޮތުން ހެދި މެޑިކަލް ޓެސްޓަކުން އޭނާ އަކީ އުފެދުމުގައި ފިރިހެނެއްކަން އެނގި ހައިރާން ކޮށްލައިފިއެވެ.

އުމުރުން 27 ވާންދެން އަންހެނެއްގެ ގޮތުގައި ހުރި ލީ އަށް ޝޮކެއް ލިބިގެން ދިޔަ ހާދިސާ ވީ މެޑިކަލް ސައިންސްގެ ދާއިރާގައި ޑޮކްޓަރުންނަށް ވެސް ހައިރާންކަން ލިބުނު ކަމަކަށެވެ. ޑޮކްޓަރުން ބުނީ ލީ އުފެދުމުގައި އޭނާގެ ފިރިހެން ގުނަވަން ހެދިފައި ވަނީ އޭނާގެ ބަނޑުތެރޭގައި ކަމަށާއި އެކަމުގެ ސަބަބުން ފިރިހެނެއްގެ ކްރޮމޮޒޯމްސް ހުރި އިރު އޭނާގެ ހުރީ އަންހެނެއްގެ ހޯމޯންސް ކަމަށެވެ.

ދެ ޖިންސް މައްސުނިވެ އުފެދުމުގައި މި މައްސަލަ ދިމާވި ލީ ޑޮކްޓަރަށް ދާން ގަސްދު ކުރީ އޭނާ ބޮޑުވަމުން އައި ދުވަސް ވަރު އުރަމަތި ރަނގަޅަށް ބޮޑުވަމުން ނުދިޔުމާއި މައްސަރުކަންތައް ދިމާ ނުވުމުންނެވެ. އެގޮތުން އުމުރުން 18 އަހަރުގައި ޑޮކްޓަށް ދެއްކިއެވެ. އޭރު އެނގިފައި ވަނީ އާދަޔާ ހިލާފަށް ހޯމޯން ލެވެލް މަތިކަމާއި އޯވަރީ އުފެދުމުގައި ވެސް މައްސަލަތައް ހުރި ކަމެވެ. އެއާއެކު ކްރޮމޮޒޯމް އަށް ހާއްސަ ސްޕެޝަލިސްޓުން ދެއްކުމަށް ޑޮކްޓަރުން އިރުޝާދު ދިން ނަމަވެސް ލީ އާއި އާއިލާއިން އެކަން ސީރިއަސްކޮށް ނަގާފައެއް ނުވެއެވެ.

އެހެން އުޅެމުން މީހަކާ އިންނަ ހިސާބަށް ގޮސް ކައިވެންޏަށް ތައްޔާރުވެ, ލީ ގަސްދު ކުރީ ކައިވެނީގެ ކުރިން އިތުރު ޓެސްޓެއް ހަދާށެވެ. ޓެސްޓުގެ ނަތީޖާއިން ލީ އާއި އާއިލާ އަދި ޑޮކްޓަރުން ހައިރާން ކޮށްލި އިރު އެއީ, ކޮންމެ 50,000 މީހަކުން 1 އަށް ޖެހުމުގެ ފުރުސަތު އޮންނަ [އުފަންވުމުގައި ހުންނަ] ކޮންޖެނިޓަލް އެޑްރެނަލް ހައިޕަޕްލާސިއާ (ސީއޭއެޗް) ކިޔާ ނުކުޅެދުންތެރިކަމެއް ކަން ވަނީ އެނގިފައެވެ.

ބޭރު ފުށުން އަންހެނެއްގެ ހުރިހާ ސިފައެއް ހުރި ލީގެ ހަށިގަނޑުގައި ފިރިހެނެއްގެ ކްރޮމޮޒޯމްސް ހުރުމުން, ދިމާވި މި މައްސަ ހައްލުކުރަން ލީ މިހާރު ވަނީ ސާޖަރީ ހަދާ ފިރިހެން ގުނަވަން ބަނޑުތެރެއިން ނަގާފައެވެ.

ޑޮކްޓަރުން ބުނަނީ, ލީ އަށް މިހާލަތު ދިމާވުމުގައި މައިންބަފައިންގެ ފަރާތުން ވާރުތަ ވީ ކަމަށް ބެލެވޭ ކަމަށާއި އޭނާގެ މައިންބަފައިންގެ ހަށިގަނޑުގައި ޖީން ޑިސްއޯޑާ (ދެ ޖީންއެއް އެއްވުމުގެ މައްސަލަ) ހުރިކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

ލީގެ ކައިވެންޏަށް ދެން ވާނެ ގޮތެއް ނޭނގޭ އިތު ލީ މިހާރު ގެންދަނީ ތެރަޕީ ނަގަމުން ކަމަށް ޗައިނާގެ މޯނިން ޕޯސްޓުގައި ބުނެފައި ވެއެވެ.