ރ. އަތޮޅުން މާލެ އަށް ދަތުރުކުރަނިކޮށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އެއިން ދަތުރު ކުރަމުން ދިޔަ އެކަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ރ. ކުޑަކުރަތު ރިސޯޓުން މާލެ އަށް ދަތުރުކުރަނިކޮށް ކަނޑުވީ 'ލިއޯ ޕާލް' ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އާންމު ގޮތެއްގައި ކަނޑުމަތީ ހާދިސާއެއް ހިނގައިފިނަމަ، ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފުން ހިއްސާކުރެއެވެ. އެކަމަކު 'ލިއޯ ޕާލް' ކަނޑުވި ސަރަހައްދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން، މާލެ ސަރަހައްދުގެ ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާގެ ތަފްސީލު އިތުރަށް ދެމުން އެމްއެންޑީއެފުން ބުނީ:

  • 'ލިއޯ ޕާލް' އިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ރޭ ފަތިހުގެ ވަގުތެއްގައި ސީ އެމްބިއުލާންސަކަށް ނަގާފައިވާ ކަމަށް
  • މި ހާދިސާގައި ގެއްލުނީ ބިދޭސީއެއް ކަމަށް
  • އޭނާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ 'ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ' ހަރަކާތްތެރިވަމުންދާ ކަމަށް

މި ދުވަސްވަރަކީ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވެ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.