ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ ޕީއެންއެފް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދިނީ މިދިޔަ ހަފްތާތެރޭގައެވެ.

އެ ޕާޓީގެ ވަގުތީ ސެކެރެޓަރީ ޖެނަރަލް މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވާފައިވާކަމަށާ އަސާސީ ގަވާއިދުގައިވާ 4 ކޮމިޓީއަކަށް ބޭފުޅުންވެސް އިންތިހާބުކޮށްފައިވާކަމަށެވެ. ރޭ ބޭއްވި މި ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުމާއެކު ސުލޫކީ ކޮމިޓީ, އިސްތިއުނާފު ކޮމިޓީ, އީސީ އަދި މެމްބާ އެފެއާޒް ކޮމިޓީ އަށް މެންބަރުން އައްޔަންކޮށްފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.

ޕީއެންސީ އުފައްދުމަށް ބޭއްވި ޖަލްސާ މި މަހުގެ 10 ވަނަ ދުވަހު ބާއްވާފައިވާއިރު އެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ 420 މެމްބަރުންނާއެކު 329 މެންބަރުންގެ ކޯރަމް ހަމަކޮށްގެންނެވެ. އެ ޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ރައީސްކަމަށް އެ ޕާޓީގެ މުއައްސިސް ޒޭން އަބްދުﷲ ޔާމީން ހަމަޖައްސަވާފައެވެ.