2013 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މޭން އޮފް ސްޓީލް" ގައި ސުޕަމޭން ރޯލު ކުޅުނު ބްރިޓިޝް އެކްޓަރު ހެންރީ ހެވިލް ބައްޕައަކަށްވާން އުޅޭކަން އިއުލާންކޮށްފިއެވެ.

ސުޕަމޭންގެ ނަމުން ނަން މަޝްހޫރު އުމުރުން 40 އަހަރުގެ ހެންރީ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ހާމަކުރީ ސޯޝަލް މީޑިއާގައެވެ. އެކްޓަރު ބުނީ އަލަށް ބައްޕައަކަށްވާން އުޅޭތީ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރުވާކަމަށާއި ދަރިފުޅަށް މަރުހަބާ ކިޔަން ކެތްމަދުވެފައި ހުރި ކަމަށެވެ. ހެންރީ އާއި އޭނާގެ ލޯބިވެރިޔާ ނަޓަލީ ވިސްކޫޒޯ، 34، ބުނީ މިދުވަސްވަރަކީ ދެމީހުންގެ ހަޔާތުގެ ވެސް ބަހާރު މޫސުން ކަމަށެވެ. 2021 ވަނަ އަހަރު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ދެމީހުން ވަނީ ކައިވެނީގެ ވާހަކަވެސް ދައްކާފައެވެ. ނަމަވެސް ކައިވެނިކުރާނީ ކޮން ދުވަހުން ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ސްޕައި އެކްޝަން ކޮމެޑީ "ދަ މިނިސްޓްރީ އޮފް އަންޖެންޓްލްމޭންލީ ވޯފެއާ" އިން އެންމެފަހުން އެކްޓަރު ފެނިގެންދިޔައިރު ދެން ހެންރީ ފެނިގެންދާނީ އަންނަ އަހަރަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "އިން ދަ ގްރޭ"އެވެ. 2001 ވަނަ އަހަރު ފިލްމު "ލަގޫނާ" އިން ހޮލީވުޑަށް ނުކުތް އެކްޓަރު ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެދީފައެވެ. އޭގެ ތެރޭގައި ޓޮމް ކްރޫޒާ އެކީ "މިޝަން އިމްޕޮސިބަލް" ގެ ފިލްމު "ފޯލްއައުޓް" ހިމެނެއެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ސައިޑް ކެރެކްޓަރެއްގެ ރޯލެވެ. ހެންރީ ވަނީ މީގެ ކުރިން އެންގޭޖްވެސްވެފައެވެ.