ނިމިދިޔަ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕްގެ އިސްތިއުފާ ސޯޝަލް މީޑިއާގައި ގޮވަން ފަށައިފިއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީއެވެ. ނަމަވެސް މި އިންތިހާބުގައި ޕީއެންސީއިން މެޖޯރިޓީ ހޯދާފައި ވަނީ ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީއިން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތައް ކާމިޔާބު ކޮށްގެންނެވެ.
އަބަދުވެސް އެމްޑީޕީއިން މެޖޯރިޓީ ހޯދަމުން އަންނަ އައްޑޫ ސިޓީގެ މެޖޯރިޓީ ވެސް މި އިންތިހާބުގައި ވަނީ އެ ޕާޓީއަށް ގެއްލިފައެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އައްޑޫގެ އެންމެ ގޮނޑިއެކެވެ. އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީއިން ވެސް މެޖޯރިޓީ ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
އެމްޑީޕީގެ ގިނަ ދުވަސްވީ އަދި ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ވެސް ގޮނޑި ކާމިޔާބު ނުކުރެއްވުނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް އަދި ޕީޖީ ލީޑަރު ރަޝީދު ހުސައިން (ބިގޭ) ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ވެސް ގޮނޑި ކާމިޔާބެއް ނުވިއެވެ.
އެމްޑީޕީގައި މަސައްކަތް ކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އެމްޑީޕީ ބަލިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ ލީޑަޝިޕް ބަލިކަށިވުން ކަމަށެވެ. އަދި ޕޮލިޓިކަލް ސްޓްރެޓެޖީއެއް ނެތްކަމަށާއި އެ ބޭފުޅުން ބޮޑަށް ޝައުގުވެރިވީ ދޮގު ފެތުރުމަށް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވީ މިހާރު އެމްޑީޕީއަކީ ތޮށިގަނޑެއް ކަމަށާއި އެ ޕާޓީން ގެންގުޅުނު އުސޫލުތަކާއި ހަމަތައް ގެއްލިފައިވާ ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީ އަށް މިހާ ބޮޑު ބައްޔެއް ކުރިމަތިވީ އެ ޕާޓީގެ ލީޑަޝިޕް އިސްވެ ތިއްބަވައި ހިންގެވި ބޮޑު އެންޓި-ކެމްޕެއިން ޕްރޮޕެގެންޑާގެ ސަބަބުންނެވެ.
މި ފަހަރުގެ ބަލިވުމަކީ އަލްމާނީ ފިކުރު މުސްލިމުންގައި ހަރުލެއްވުމަށް ވަރަށް ޙީލަތްތެރިކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ. ދިވެހިންގެ ދީން، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ﷲ އަށް ގޮންޖަހަމުން ގެންދިޔަ ބައިގަނޑަށް ނޫނެކޭ ބުނެފައި. ދިވެހިން ޝިރުކަށް ނޫނެކޭ ބުނާނީ.