އިންތިހާބުވި ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެ ސަރުކާރާ އެކު ތަރައްގީއަށް އެމްޑީޕީ އިން މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ ކެމްޕެއިން ހަރަކާތްތަކުގައި އެހީތެރި ވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި މިއަދުގެ ނަތީޖާ އަކީ އެންމެ ދެކެން ބޭނުންވި ފަދަ ނަތީޖާ އެއް ނޫންކަމަށެވެ. ފައްޔާޒު ވިދާޅުވީ މިއީ އެމްޑީޕީގެ އެންމެހާ މެމްބަރުން އެކަތި ގަނޑަކަށްވެ އެކުގައި މަސައްކަތް ކުރަން ވީ ވަގުތު ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީގެ ފަރާތުން ކުރާނެ ކަމަށެވެ. މީގެއިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އެމްޑީޕީ އިން މަޖިލީހަށް އިންތިހާބުވި ބައެއް ކެންޑިޑޭޓުންނާ ބައްދަލުކުރައްވާފައެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައިވާއިރު ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް ޕީއެންސީއިން ވަނީ 62 ގޮނޑި ކާމިޔާބުކޮށްފައެވެ.

އަބަދުވެސް އެމްޑީޕީއިން މެޖޯރިޓީ ހޯދަމުން އަންނަ އައްޑޫ ސިޓީގެ މެޖޯރިޓީ ވެސް މި އިންތިހާބުގައި ވަނީ އެ ޕާޓީއަށް ގެއްލިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އައްޑޫގެ އެންމެ ގޮނޑިއެކެވެ. އަދި ޕީއެންސީއިން އައްޑޫގެ 5 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އަމިއްލަ ކެންޑިޑޭޓަކު ވަނީ އައްޑޫ ސިޓީގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީއިން ވެސް މެޖޯރިޓީ ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދުމަށް އެއް ޕާޓީއަކުން 47 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީއެވެ. ނަމަވެސް މި އިންތިހާބުގައި ޕީއެންސީއިން މެޖޯރިޓީ ހޯދާފައި ވަނީ ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީއިން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތައް ކާމިޔާބު ކޮށްގެންނެވެ.