ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާއި ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިގެން މިހާރު ކުރިއަށް ދާއިރު ވޯޓުގައި މިހާތަނަށް ބޮޑު މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ކުރިއަށް ދަނީ އަމާންކޮށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލުމުގެ އެއްވެސް ބޮޑު މައްސަލައެއް ހިނގި ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް ރަނގަޅު ކަމަށެވެ. އަދި އުއްމީދަކީ 5:30ގެ ނިޔަލަށް ހަމަ މިގޮތަށް ކުރިއަށް ދިއުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އީސީ އިން ބުނީ މިއަދު މެންދުރު 3:00 ގެ ނިޔަލަށް 160،158 މީހުން ވޯޓު ލާފައިވާކަމަށެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 56.26 ޕަސެންޓު މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުންނެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހިއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ.