ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

މި މައްސަލަ ބެލި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިން ލަފައިގައި ފިލްޒާ ވަނީ ޖޭއެސްސީން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށްކަމަށް ވިދާޅުވެފައެވެ. އެގޮތުން ފިލްޒާ ވިދާޅުވީ މި މައްސަލަ ބަލާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނޫ ނަންބަރު 10/2008 ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި ކަމަށެވެ.

މި މައްސަލަ އަކީ ޖޭއެސްސީއަށް އަމިއްލަ މީހަކު ހުށަހެޅި ސިޓީއެއް ކަމަށާއި، ނަމަވެސް މި މައްސަލަ ބަލަން ޖޭއެސްސީން ފެށީ އަމިއްލައަށް އިސްނަގައިގެން ކަމަށް މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ފިލްޒާ ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމަން ޖެހޭނީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަކަށް ކަމަށެވެ. ނަމަވެސް މިފަދައިން އަމަލުކޮށްފައި ނުވާކަން ފާހަގަކޮށް ފިލްޒާ ވިދާޅުވީ ޖޭއެސްސީން އަމަލުކޮށްފައިވަނީ ގާނޫނުގައި އިޖުރާއަތް އޮތް ގޮތައް ނޫން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވުމަށް އެދި ދެ ފަނޑިޔާރުން އެދިވަޑައިގެންފައިވީ ނަމަވެސް އެ ފުރުސަތު ނުދޭން ވަނީ ނިންމާފައެވެ. އަދި ބާ ކައުންސިލުން ވެސް ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ބެލުމަށް އެދިފައިވާ ކަން ވެސް ފާހަގަކުރެވެއެވެ.

އަދި ޒާތީ މައުލޫމާތު ހުރިކަމަށް ބުނެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުންވެސް ވަނީ ސިއްރު ކޮށްފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ކުރެވޭ ތުހުމަތު ތަކަކީ ކޮބައިކަން ސާފުކޮށް އެނގެން ޖެހޭނެ ކަމަށާއި، އެމީހެއްގެ ދިފާއުގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީ ވުމުގެ ހައްގުގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގުވެސް ލިބެން ޖެހޭނެ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީން މައްސަލަ ބަލައި ނިމުމުން، ދެން އޮންނާނީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ތަޅުމުން ގޮތް ނިންމުމެވެ. ގާނޫނުގައިވާ ގޮތުން ދެ ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.