ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވާ ޖުޑީޝަރީ ކޮމިޓީއަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ޖުޑީޝަރީ ކޮމިޓީގައި ހިމަނަން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހަމަޖައްސަވާފައި ވާކަން އިއުލާން ކޮށްފައެވެ.

އެހެންނަމަވެސް މިއަދު އެ ކޮމިޓީގެ ޖަލްސާ ބޭއްވިއިރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ މެންބަރު ނިޒާރެވެ. މިކަމާ ގުޅިގެން ކޮމިޓީ ފައްޓަވަމުން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ، ކޮމިޓީއަށް ބަދަލު ގެނައި އަންގާރަ ދުވަހު ކަމަށެވެ. އެއީ، މަޖިލީސް ތަމްސީލު ކުރައްވަން ސެމިނާރެއްގައި ބައިވެރިވެވަޑައިގަތުމަށް މެންބަރު ނިޒާރު ރަސްމީ ދަތުރެއްގައި ހުންނެވުމުން ގެނައި ވަގުތީ ބަދަލެއް ކަމަށެވެ. އަދި މެންބަރު ނިޒާރު އެނބުރި މާލެ ވަޑައިގަތުމުން ކުރިން އޮތް ގޮތަށް އަލުން ކޮމިޓީ ބަދަލުކުރީ ކަމަށް ހުސްނީ މުބާރަކް ވިދާޅުވިއެވެ.

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ފަނޑިޔާރުން ވަކިކުރާ މައްސަލައެއް ނެތެވެ. މިއަދުގެ އެޖެންޑާގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ ބިލު ދިރާސާކުރުމާއި އަދި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ދިރާސާކުރުމެވެ.