ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވައިދާ އަދި އެ ކޮމިޝަންގެ އިޖްރާއަތުތަކާ އެއްގޮތަށް ކަން ކަށަވަރު ކޮށްދިނުމަށް ރައްޔިތުން މަޖިލީހުގައި ބާ ކައުންސިލުން އެދިއްޖެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ހ ގައި ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާގެ ށ ގައި ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައި ކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމުގައި ބަޔާންކޮށްފައި ވެއެވެ.
ބާ ކައުންސިލުން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެފައިވާ ކަމަށާއި ޖޭއެސްސީ އިން އެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އަމަލުކޮށްފައި ވަނީ އެ ކޮމިޝަންގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށް ދިނުމަށް އެފިފައިވާނެ ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީއިން ހިންގި ތަހުގީގުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައި ވަނީ ރަނގަޅަށް ކަން ކަށަވަރުކޮށްދީ، އެ ކޮމިޝަނުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަކީ ކަމާ ގުޅުހުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދީ، ހުށަހެޅުނު އެންމެހައި ހެކިތައް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމާއި އަދި އެ ނިންމުންތައް ވާސިލުވެފައި ވަނީ ބުރަދަން ހުރި ހެކީގެ މައްޗަށް ކަށަވަރުކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ބާ ކައުންސިލުން ބުނެއެވެ. ހަމައެއާއެކު އެ މައްސަލައިގައި ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާ ކަން ކަށަވަރުކޮށް ދިނުމަށާއި ޖޭއެސްސީ އިން ތަހުގީގުކޮށްފައިވާ ގޮތާ މެދު ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް އާންމުކޮށް ހަމާކޮށްފައި އޮތްއޮތުމުގެ މައްޗަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން މި މައްސަލައިގައި ގޮތެއް ނިންމުމުގައި އަދުލުވެރި ނިންމެވުމަކަށް ވާސިލްވުމަށް ވެސް ބާ ކައުންސިލުން އެދިފައި ވެއެވެ.
ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ ވަކީލުންނަށް މައްސަލައާ ގުޅިގެން ޖަވާބުދާރީ ވުމަށާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދިނުމަށާއި ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ވެސް އެދިފައި ވެއެވެ. ފަނޑިޔާރުން އިއުތިރާޒު ނުކުރާ ނަމަ އެ ބައްދަލުވުމަކީ ހުޅުވާލެވިގެން ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމުގައި ހަމަޖެއްސުމަށާއި މި މައްސަލައިގައި ގޮތެއް ނިންމުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށް ދިނުމަށް ވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން މި މައްސަލައިގައި ބާ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކުގެ ތަފުސީލުތައް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކޮށް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ އެދިފައެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.