ޖީލަކަށް ދުންފަތް މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ޖީލަކަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ”ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް“ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފާއިރު މަޖިލީހުން ކުރި އިއުލާނުގައި ބުނީ މި ބިލު ދިރާސާކުރުމަށް ހޮވާފައިވާ މަޖިލީހުގެ ވަގުތީ ކޮމިޓީން މި ބިލުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ ކޮމިޓީން ނިންމާފައިވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
މި ބިލާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންވާނަމަ، މި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ކޮމިޓީގެ އީމެއިލް އެޑްރެސް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި ގާނޫނުގެ ދަށުން ޖަނަވަރީ 1، 2007 ގައި އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތައް ދުންފަތް ބޭނުންކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައު 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން ވަނީ މަނާކޮށްފައެވެ. އަދި މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިންނަ ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެއެވެ.