ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.
ސޯލިހު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާވެސް ވަނީ ވޯޓު ލައްވާފައެވެ. ތާޖުއްދީން ސްކޫލަށް ރައީސް ވޯޓު ލައްވާފައިވާއިރު މެޑަމް ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގައި ހުރި މައްޗައްގޯޅި މެދު ދާއިރާގެ ފޮއްޓަށެެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އީސީއިން 5:30އަށް ވޯޓުލާ ވަގުތު އިތުރުކޮށްފައިވާއިރު ދެން ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.
އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބަހަަައްޓާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ތިން ވޯޓު ފޮއްޓެއް ބަހައްޓައެވެ. ސިނާއި މަސައްކަތް ކުރާ އެއްވެސް ތަނެއްގައި މި އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަފައެއް ނުވެއެވެ.