މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ، މިއީ މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
ހަމައެއާއެކު އެ ސަރަޙައްދުގެ ފަޅުވެސް ވަނީ އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މި މަސައްކަތުގައި އާންމު ރައްޔިތުން އެއްބާރުލުން ދިނުމަށް މުއްތަލިބް ވަނީ އެދިވަޑައިގެންފައެވެ. އަދި ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
މާލެގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެެކެވެ. މުދާ އުފުލާ އުޅަނދުތައް އާންމުކޮށް ވަދެ ނިކުމެ ހަދާ އެ ސަރަހައްދުގައި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ވެސް ހިމެނޭ ސަރަހައްދު ކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތައް ގިނައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެމްޓީސީސީން ހިންގާ އެ މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް މަގާއި ފަޅު ބަންދުވާނެއެވެ. ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅާނެ ކަން ކުރިން އިއުލާންކޮށްފައިވާ އިރު، މަގުގައި ތާރު އަޅާނީ މަގު ފުޅާކޮށްފައެވެ. އެގޮތުން އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން ހިމެނޭ ގޮތަށް 144 މިލިއަން ރުފިޔާއަށް، 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.