ހއ. ކެލައިން އައިޑީކާޑުގެ ހިދުމަތް ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ކެލާ ކައުންސިލްއާ ދެމެދު މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޖަލްސާއެއްގައެވެ.
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން(ޑީއެންއާރް) އިން ބުނީ މި އެމްއޯޔޫގެ ދަށުން ކެލާގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށާނެ ކަމަށެވެ. އަދި މިއީ އައިޑީކާޑު ހިދުމަތް ރައްޔިތުންނަށް ދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޑީއެންއާރްއިން ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން ހަމައެކަނި އައިޑީކާޑުގެ ވެރިފަރާތަށް ކާޑު ނެގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ޑީއެންއާރްއިން ވަނީ ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި އަންގާފައިވާ ފަރާތަށް އައިޑީ ކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
ޑީއެރްއާންއިން ބުނެފައިވާ ގޮތުގައި ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް، ކާޑު ދޫކުރި ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމެންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާނެ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.