މި ސަރުކާރުން ޑީއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނެތްކަން ކަށަވަރުކަމަށާ އަދި ކުރިއަށް އޮތްތަނުގައިވެސް އެ ޑޭޓާތައް ކޮމްޕްރޮމައިޒް ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތުކޮށް އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލުގެ ޖަވަބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވާކަމަށެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވާއިރު ސިޔާސީ ބައެއް ފަރާތްތަކުން އެ ޑޭޓާ ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސިސްޓަމް ތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެކަމަށެވެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާއިރު މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗާތައް އެކުލަވާލާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މިހާރު ފިޒިކަލީ ޑޭޓާއަށް އެކްސެސް އޮންނަ މުވައްޒަފުންނަށް، އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނިކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އީފާސްގެ ހިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ފަށްޓަވާފައިވާކަމަށެވެ. އަދި އީފާސްއަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއަކަށް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައިވެސް މިނިސްޓަރު ވަނީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ.