ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މެންބަރުން ހޮވާއިރު އެ ފަރާތްތަކުގެ ޓްރެކް ރެކޯޑް އެނގެން ޖެހޭ ކަމަށެވެ. ހާއްސަ ގޮތެއްގައި ވައްކަމުގެ ޓްރެކް ރެކޯޑް އެނގެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ދައުލަތުގެ ފައިސާ ނުހަމަ ގޮތުގައި ހަރަދުވެގެން ދިއުން ކަމަށާއި އެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ހަރަދުނުވުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވޯޓުލުމަށް މާ ގިނަ ވަގުތު ނެތްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވި ކޮންމެތާކު ހުންނެވި ނަމަވެސް ކަމެއްޖެހޭ ވަގުތުގައި އެމަނިކުފާނު ރާއްޖެގައި ހުންނަވާނެ ކަމަށެވެ. އަދި މަޖިލީހުގައި ޑިމޮކްރެޓުން ތިބެން ޖެހޭ ކަމަށާއި މި ވޯޓު އެމަނިކުފާނަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެެވެ.