މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވަން ރާއްޖެ ވަޑައިގެން އެ ޕާޓީގެ ކެމްޕޭން ހަރަކާތުގައެވެ. މި ގޮތުން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު އިއުލާނުކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރު ވެސް އޮތީ އޮތްތަނުގައި ކަމަށެވެ. އޭގެ ބަދަލުގައި ދައުލަތަށްވީ އިތުރު ބުރަތަކެއް ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ނިމިގެންދިޔައީ އެއްވެސް ކަމަކުން މަންފާއެއް ރައްޔިތުންނަށް ނުލިބި ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީ ނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހި ކަމުގެ ނަމުގައި ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއް ކަމަށާއި އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދިން ގެދޮރުވެރިކަމެއް ނެތް ކަމަށެވެ.

އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށް ބުނެ ކުރި މަސައްކަތްތައްވެސް ހުރީ ހުރިގޮތަށް ކަމަށާއި އޭގެ ބަދަލުގައި ބޮޑުވެގެންދިޔައީ ދަރަނިކަމަށެވެ. އޭރު ސަރުކާރުން ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން އަނެއްކާވެސް ރާއްޖެ ޖެހުނީ ދަރަނީގެ ދަންތުރައެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންވީ އިހުމާލުކަމަށާ، އެ މައްސަލައިގައި ރައީސް ޔާމީން ހައްޔަރުކޮށް، މައްސަލާގައި ހިމެނޭ އެހެން އެންމެން ދޫކޮށްލީ ކަމަށެވެ.