ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުވައްމުލައް ސިޓީ އަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީއެންއެފް އިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މީގެ އިތުރުން އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފައި މިވަނީ އެ މަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް މިނިވަންވެ ވަޑައިގަތުމުންނެވެ.

މަޖިލިސް އިންތިހާބުގެ ކެމޕެއިން ނިންމާލުމަށް ވަގުތު ކުޑަތަން ވެފައިވާ އިރު، ސިޔާސީ ޕާޓީތަކުން އަންނަނީ ފޯރިއާ އެކީ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. ޕީއެންއެފް އިން ހިންގާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެ މަނިކުފާނު މިނިވަންވެވަޑައިގަތުމާ ހަމައަށް ބައިވެރިވެވަޑައިގެންފައި ވަނީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަރަކާތްތަކުގައެވެ. ނަމަވެސް އެއިން އެއްވެސް ހަރަކާތެއްގައި ޕޯޑިއަމްއަށް ވަޑައިގެން ރައީސް ޔާމީން ވާހަކަފުޅު ދެއްކުން އޮތީ މަނާކޮށްފައެވެ. އެހެން ކަމުން އެ ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން ގެންދެވީ އޯޑިއަންސްގައި އިންނަވައިގެންނެވެ.