އެމްޑީޕީގެ މެންބަެުންނަނީ ދައްކާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަމަށާއި ވަޒީފާގެ ބިރު ދެއްކުމަކީ ފިނޑި އަމަލެއް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެކަން ރައީސް ޑރ. މުއިއްޒުއަށް އެނގިވަޑައި ނުގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ. އެމްޑީޕީން ހޯދި މިނިވަންކަމަކީ ބިރު ފަހަނަ އަޅާ ގޮސް ހޯދި މިނިވަން ކަމެއް ކަމަށާއި ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމަކީ ފިނޑި އަދި ހުތުރު އަމަލެއް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެނަމަ، ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާނެ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ކަށަވަރު ކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިހާބު އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރެއެވެ. އޭގެތެރެއިން އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރަނީ 89 ކެންޑިޑޭޓުންނެވެ.