ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލާ ވަގުތު 5:30 އަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީއިން ކުރިން ނިންމާފައި އޮތީ ވޯޓުލާ ވަގުތަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރު ކުރަން އީސީން ނިންމާފައި ވަނީ ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ ދިން ލަފައާ ގުޅިގެންނެވެ. ވޯޓުލާ މުއްދަތު އިތުރުކޮށްފައި ވަނީ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ވޯޓުލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ދެން ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ.

ވޯޓުލާ ވަގުތު އިތުރުނުކޮށް، އާދިއްތަ ދުވަހު ވިއްސާރަ ދުވަހަކަށްވެއްޖެނަމަ ވޯޓުލާންދާ މީހުންގެ އަދަދު ދަށް ވެދާނެކަމުގެ ވެސް ލަފާދޭ ކޮމިޓީގެ ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި ހޫނުގަދަވެއްޖެނަމަ މެންދުރު ވޯޓުލާންދާ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ވެސް އެ ކޮމިޓީއިން ވަނީ ލަފާކޮށްފައެވެ.

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އީސީއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިއަދު ފަތިހު ވޯޓުލާ މަރުކަޒަށް ބޭނުންވާތަކެތި ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ފޮނުވުމުގެ މަސައްކަތް އީސީއިން ވަނީ ފަށާފައެވެ.

މީގެއިތުރުން އީސީ އިން އިއްޔެ ވަނީ 12 އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ތަކެތި ފޮނުވާފައެވެ. އީސީ އިން ބުނީ އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށް ދަނީ ކަނޑުމަގުންކަމަށެވެ. އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.