1994 ވަނަ އަހަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދިން އޭނާގެ އަލަތު ފިލްމު "ދެރިޔާ" އަށްފަހު ގެނެސްދިން އޭނާގެ ޑައިރެކްޝަން ފިލްމު "ލަސްވިޔަސް" ޕްރިމިއާކުރުމާއެކު ދިވެހި ފިލްމު އިންޑަސްޓްރީއަށް އީދެއް އައި ކަހަލައެވެ. ޓެޑްރީގެ ފީޗާ ފިލްމެއް 30 ވަރަކަށް އަހަރުފަހުން ފެނިގެންދިޔުމަކީ މި ޖެނެރޭޝަންގެ ކުދިންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް މަންމަމެން ކިޔާތީ އަޑުއަހަމެވެ. ފިލްމެއް އުފައްދަންޏާ ޓެޑްރީ ވަރެއް ނެތް ކަމުގައެވެ. އޭނާގެ ފިލްމު ދެރިޔާ އަކީ އެކަމުގެ ހެތްކެވެ. މިއަދުވެސް މި ފިލްމުގެ ލަވަތައް މަޝްހޫރު އިރު މިވަރުގެ ފިލްމެއް ދެން ނުފެންނާނެ ކަމަށް ބުނާ މީހުންވެސް މަދެއްނޫނެވެ. ދިގުލަމުން ދިގުލަމުން ގޮސް ފިލްމު އިއުލާންކުރިތާ އަހަރުތަކެއް ފަހުން ފިލްމު ބަލައިލަން ފުރުސަތު ލިބުމުން ވަރަށް އުފާވިއެވެ. ފިލްމަށް ދިޔައީވެސް ވަރަށް ތައްޔާރު ވެގެންނެވެ. ޓެޑްރީގެ ފިލްމެއް ކަމުން ރޯންޖެހިދާނެ ކަމަށްވެސް ތައްޔާރު ވެގެން ޓިޝޫ ހިފައިގެންނެވެ.

ތަރިން

ވާޝިޔާ އަހުމަދު (ޔުސްރާ)، އަހްމަދު އީސާ (އާނަންދު) (އިގްބާލު/އިގޫ)، ޒޯޔާ ހަސަން މަނިކު (ހަމްރާ)، އަހުމަދު އާސިމް (ފައްޔާޒު)، އިބްރާހިމް ޖިހާދު (ޒާހިދު)، ތާތި އާދަމް (ޝިމާނާ)، ޖިލިޔަން އަހްމަދު ރަޝީދު (ރޮކީ)، އަހުމަދު އިފްނާޒް ފިރާގު (ޖަވީ)، އާމިނަތު ޝުހާ (އަނީ)، ފާތިމަތު ލަތީފާ (ހަސީނާ)، ހަދީޖާ މޫސާ (ޒަރީނާ)، ހަދީޖާ އިބްރާހިމް ދީދީ (ކުޑަހައްޖަ)(މާސްތާ)، ރީކޯ މޫސާ މަނިކު (މާހިރު) އަދި ފައުޒިއްޔާ ހަސަން (ފައުޒިއްޔާ) އެވެ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ދެހާހުގެ އަހަރުތަކުގެ އުފާވެރި ހަނދާންތަކެވެ. ހިތާނީ ހަފުލާތަކުގައި ޖެހި ސަކާރާތާ މަޖަލެވެ. އެ ސަކަރާތުގެ ތެރެއިން އުފެދުނު ގާތް ރަހުމަތްތެރިކަމެވެ. ކުޑަބަނޑޮހަށް ދިޔަ ޕިކްނިކް ދަތުރުތަކުން ދޮންވެ ފައްކާވި ގުޅުންތަކެވެ. އެ ގުޅުންތައް ކައިވެންނާ ހަމައަށް ގޮސް ފަށާ ދިރިއުޅުމުގެ މުހިއްމު ދަތުރެވެ. އެ ދަތުރުގައި ކުރިމަތިލާންޖެހޭ ގަދަ އޮޔާ ބިޔަ ރާޅުތަކުގައި ޖެހި ހުންގާނުގެ އިލި ނެއްޓި މިސްރާބު ކަސިޔާރު ވެެގެންދާ ގޮތެވެ. މިއީ ލަސްވިޔަސްގެ މައިގަނޑު ޕްލޮޓެވެ.

ކާމިޔާބު ލަވަކިޔުންތެރިޔާ ޔުސްރާގެ ހަޔާތަށް އިގްބާލު އާދެއެވެ. ހިތާނީ ޝޯއެއްގެ ތެރެއިން ދެމީހުން ދިމާވެ އޭގެ ފަހުން ބަނޑޮހަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ލޯބި އުފެދެއެވެ. އަދި ކައިވެންޏާ ހަމައަށް ދެއެވެ. އިގޫގެ އެންމެ ގާތް އެކުވެރިޔާ ފައްޔާޒު އާއެކު ހިތާނީ ޝޯއަކަށް ގޮސް އުޅުނިކޮށް ޔުސްރާ އަށް އިގޫ ފެނެއެވެ. ފުރަތަމަ ދެމީހުންވެސް ރުޅިވެރިކޮށް އުޅުމަށްފަހު އެކުވެރިކަން ބަދަހިވެއެވެ. އިގޫ އެކަނި ބެހެއްޓުމަށްފަހު ފައްޔާޒު ހިތާނީ ޝޯއިން ނުކުތީ އޭނާގެ ލޯބިވެރިޔާ ޝިމާނާ ގޮވައިގެންނެވެ. އިގޫ އާއި ޔުސްރާ އެކަނިވެއެވެ. ދެމީހުން އެއްކޮށް ހިނގައިގަތީ ގެއާ ހިސާބަށް ދިޔުމަށެވެ. ބަނޑޮހުން ދިމާވާނެ ކަމަށް އުންމީދުކުރަމުންނެވެ.

ޖަވީ އަކީ ޔުސްރާގެ ކުރީގެ ލޯބިވެރިޔާއެވެ. ޖަވީ، ޔުސްރާ އަދި ރޮކީ އަކީ ބޭންޑެއްގައި މަސައްކަތްކުރާ ތިން އެކުވެރިންނެވެ. ޖަވީ އާއި ޔުސްރާ ވަކިވުމުގެ ސަބަބުން ބޭންޑަށް ބުރޫ އަރާފައި އޮތް ނަމަވެސް ޔުސްރާ ބޭނުންވީ ބޭންޑާއެއްކޮށް ލަވަތައް ރެކޯޑުކުރުމަށެވެ. އެ ނިޔަތުގައި އެކަން ކުރަން ވެސް ފަށައެވެ. އިގޫ އާއި ޔުސްރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޖަވީ އަށް އެނގުމުން އޭނާއަށް އެކަން ހަޖަމެއް ނުވެއެވެ. އޭނާ މައިތިރި ކުރެވޭތޯ ރޮކީ ބަލައެވެ. ޔުސްރާ އާއި ކައިވެނިކުރުމުގެ ކުރިން އިގޫ އޭނާ ގޮވައިގެން މާމަ ގާތަށް ރަށަށް ދެއެވެ. ޔުސްރާއަށް އިގޫގެ މަންމަގެ އުޅަލެއް ފައުޒިއްޔާ ދެއެވެ. އެއީ އިގޫ ކައިވެނިކުރާ ކުއްޖާއަށް އޭނާ މަންމަ ދޭން ބުނެފައި އޮތް އުޅަލެކެވެ.

ޔުސްރާ އާއި އިގްބާލު ކައިވެނިކުރީ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައެވެ. ނުހަނު ލޯތްބާ އެކުގައެވެ. ޒަވާޖީ ހަޔާތެއް ފަށައި މާގިނަ ދުވަސްތަކެއް ނުވަނީސް ޖަވީގެ އުނދަގޫ ދެމީހުންނަށް ކުރިމަތިކުރުވައެވެ. އޭގެ ސަބަބުން ޔުސްރާ އާއި އިގޫގެ ދެމެދުގައި ފާރެއް އެޅެއެވެ. ޔުސްރާ އަލަތު ދަރިފުޅަށް ބަލިވެ އިނދެއެވެ. ދަރިފުޅު ވިހައިގެން މާގިނަ ދުވަސްތަކެއް ނުވަނީސް ޔުސްރާ އަށް ހީވެސްނުކުރާ ކަހަލަ ކަންތައްގަނޑެއް ކުރިމަތިވެއެވެ. ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެމުން ގޮސް އެ ކައިވެނި ރޫޅި އެ ގުޅުން އެއްކޮށް ކެނޑެއެވެ. ދަރިފުޅު ހަމްރާ ބައްޕަގެ ލޯބީން މަހުރޫމް ވެގެން ދެއެވެ. ޔުސްރާ އާއި ހަމްރާގެ ހަޔާތުން އިގްބާލު ދުރަށް ދެއެވެ.

ލަސްވިޔަސް ތަގުދީރު އަނެއްކާވެސް ޔުސްރާ އާއި އިގުބާލު އެއްތަން ކުރުވައެވެ. މުޅިން ތަފާތު ދެ ހާލަތެއްގައެވެ. އޭރު ޔުސްރާ ކައިވެނި ކޮށްގެން އުޅެނީ ޒާހިދު އާއެވެ. އިގްބާލު، މާސްތާ އާއި ކައިވެނިކޮށް ދެކުދިންވެސް ހުރެއެވެ. ޅަފަތުގައި އޮއްވާ ދޫކޮށްލާފައި ދިޔަ ތުއްތު ދަރިފުޅު ހަމްރާގެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާއިރު އެ ދަރިފުޅަށްޓަކައި ޔުސްރާ އާއި އިގްބާލު މާޒީގެ ހިތި ހަނދާންތަކާ ދުރުވާން މަޖުބޫރު ކުރުވައެވެ. ރުޅިވެރިކަމާއި ބަލަދުހިފުމުގެ ރޫހުގެ ތެރެއިން ވަކިވެ ގުޅުން ކެނޑިފައވާ އާއިލާތަކުގެ ހިތްތައް އަލުން އެއްތަން ކުރުވާ ކުރިން އޮތް ކުލުނާ ލޯބި އެ ހިތްތަކުގައި އަލުން އިޔާދަކުރެވިދާނެބާވައެވެ؟ ޔުސްރާ އާއި އިގްބާލު އަލުން ގުޅިދާނެބާވައެވެ؟ އެދެމަފިރިންނަށް ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު ހަމްރާ ސަލާމަތް ކުރެވިދާނެ ބާވައެވެ؟ އެހާ ލޯބިން އެއްކޮށް އުޅުމަށްފަހު އިގޫ އާއި ޔުސްރާ ވަކިވާން ނިންމި ސަބަބަކީ ކޮބައިބާވައެވެ؟ މިއީ ހައްތަހާވެސް ހިތުގައި އުފެދޭ ސުވާލުތަކެވެ. ސުވާލުތަކަށް ޖަވާބު ހޯދުމަށް ފިލްމު "ލަސްވިޔަސް" ކޮންމެހެން ބަލަންޖެހެއެވެ.

ފިލްމުގެ މަންޒަރެއް---

ލަސްވިޔަސް ބަލަންޖެހެނީ ކީއްވެ؟

ޓެޑްރީގެ އެނބުރި އައުން ކަމަށްވާތީ!

ޓެޑްރީ އަކީ ރާއްޖޭގައި ފިލްމު އުފައްދަމުން އައި ވަށްޓަފާޅިއަށް އިންގިލާބީ ބަދަލެއް ގެނައި ކުޅަދާނަ ފިލްމުމޭކާއެކެވެ. 1994 ވަނަ އަހަރު ޓެޑްރީ ގެނެސްދިން އޭނާގެ އަލަތު ފިލްމު ޑައިރެކްޝަން "ދެރިޔާ" އަކީ އަދިވެސް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ރާއްޖޭގައި މިހާރަނަށް އުދެއްދި އެންމެ ރީތި އެންމެ ފެންވަރު ރަނގަޅު އެއް ދިވެހި ފިލްމެވެ. ދެރިޔާ އާއެކު ޓެޑްރީ ދިވެހި ފިލްމު އޯޑިއަންސް ގެނެސްދިން ޖާދޫ ނުފެނުނު މިއަދުގެ ޒުވާން ޖީލަށް ޓެޑްރީގެ ފެންވަރު އަގުވަޒަންކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެކެވެ.

އޭނާގެ ފީޗާ ފިލްމެއް ނުފެނި ކިތަންމެ ދިގު މުއްދަތެއް ފާއިތުވިނަމަވެސް ހަގީގަތަކީ ޓެޑްރީގެ ފިލްމު އުފެއްދުމުގެ ހުނަރާއި ފަންނުވެރިކަން އައީ ޒަމާނާ އެއްގޮތަށް ބަދަލުވެ އާ ޓެކްނޮލޮޖީއަށްވެސް ހޭނި ފައްކާވަމުންނެވެ. ހަމަގައިމުވެސް ޓެޑްރީގެ ޖާދޫ މި ފިލްމުން ފެނިގެން ގޮސްފިއެވެ. އެތައް ބައެއްގެ ބުރަ މަސައްކަތް ފިލްމުން ފެނިގެން ދިޔައެވެ. ލަސްވިޔަސް އަކީ ބެލުންތެރިންނާ ހަމައަށް އަންނާނެ ޒަމާނީ ފެންވަރގެ ރަނގަޅު އުފެއްދުމަކަށް ވާނެކަމާމެދު އެއްވެސް ޝައްކެތްނެތެވެ.

ފިލްމުގެ މަންޒަރެއްގައި ފައުޒިއްޔާ ބައިވެރިވަނީ---

ފައުޒިއްޔާގެ އެންމެ ފަހު މަސައްކަތަށް ވާތީ!

ލަސްވިޔަސްގެ ހާއްސަ ރޯލަކުން ފެނިގެންދާ ކުރީގެ ފިލްމީ ތަރި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) އަކީ ދިވެހި ފިލްމީ އިންޑަސްޓްރީއިން ފެނުނު ވަރަށް ތަފާތު ހުނަރުވެރި ފަންނާނެކެވެ. ލަސްވިޔަސްގައި ފައުޒިއްޔާ ކުޅެފައިވާ ރޯލަކީ ޓެޑްރީ ބުނާގޮތުންނަމަ ސީދާ ފައުޒިއްޔާ އަށް ލިޔެފައިވާ ރޯލެކެވެ. އެހެންކަމުން އެ ރޯލު ކުޅެން ފައުޒިއްޔާ އެއްބަސްވެ ލަންކާގައި ހުރުމަށްފަހު ރާއްޖެ އައި ފިލްމުގެ މަންޒަރުތައް ޝޫޓްކުރުމަކީވެސް ފިލްމަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ. ލަސްވިޔަސްގައި ބަތަލާ ކުޅުނު ކެރެކްޓާގެ ޝޫޓިން ނިމުނުތާ ދެމަސް ފުރުނުތާ ފައުޒިއްޔާ ވަނީ ނިޔާވެފައެވެ.

1986 ވަނަ އަހަރު ނުކުތް ފިލްމު "ފިދާ" އިން ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި ފައުޒިއްޔާގެ އެންމެ ފަހު މަސައްކަތަކީ ލަސްވިޔަސްގައި އޭނާ ކުޅުނު އިގްބާލުގެ މާމަގެ ރޯލެވެ. ކުރު ރޯލެއް ނަމަވެސް އޭނާގެ ޖާދުވީ މަސައްކަތް ފެނިގެންދިޔައެވެ. ޑައިލޮގު ކިޔަމުން ދާއިރު އަޖައިބުވެ ބަލަން އިންނަންޖެހުނެވެ. ނެޗުރަލްކަމުންނެވެ. ހާދަހާ މޮޅެވެ. ބެލުންތެރިންގެ ހަނދާންތަކާ އަދި އިހުސާސްތަކާ ކުޅެލާނެ އެ ރޯލުގައި ފައުޒިއްޔާއަށް ދީފައިވާ ހާއްސަ ޓްރިބިއުޓަކީ ހަމަ ޔަގީނުންވެސް ބެލުންތެރިން މާޒީގެ ތެރެއަށް ގެންދާނެ ޓްރިބިއުޓެއްކަން ގައިމެވެ.

ލަސްވިޔަސް ފިލްމް ޝޫޓިންގައި ރީކޯ މޫސަ

ރީކޯ މޫސަގެ ހާއްސަ ފެނިލުމެއް މި ފިލްމުން!

ފިލްމު ލަސްވިޔަސްގައި ރީކޯ މޫސަ ކުޅޭ މާހިރުގެ ކެރެކްޓާ ޓެޑްރީ ފައްކާކުރީ ޓެޑްރީގެ ފުރަތަމަ ފީޗާ ފިލްމު ދެރިޔާގައި މުހިއްމު ރޯލެއް ކުޅުނު ކޮއްޔަ ހަސަން މަނިކަށެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ކޮއްޔަ ނިޔާވުން ވެގެން ދިޔައީ އޭނާއާއެކު އިތުރު މަސައްކަތެއް ކުރުމުގެ އުންމީދުގައި ހުރި ޓެޑްރީ އަށްވެސް ލިބުނު ވަރަށް ފުން ހިތާމައެކެވެ. ކޮއްޔަ އަށް ފައްކާކުރި ކެރެކްޓާ ދެން ކުޅުވާނެ އެންމެ ރަނގަޅު އެކްޓަރަކަށް ޓެޑްރީއަށް ފެނުނީ ކޮއްޔަ ހަސަން މަނިކުގެ ޒަމާންވީ އެކުވެރިޔާ ރީކޯ މޫސައެވެ.

ދިވެހި ސިލްވާ ސްކްރީނާ މާ ދުރުގައި ހުރި ރީކޯ މި ރޯލަށް އެއްވެސްވި އެއް ސަބަބަކީ ޒަމާންވީ އެކުވެރިޔާ އަށް ހިތުގައި ދެވިފައިވާ ލޯތްބާއި އިހްތިރާމެވެ. މި ފިލްމުގައި ރީކޯ އަކީ އިގޫގެ ބޮސްއެވެ. އިގޫ މަސައްކަތް ކުރަމުން އަންނަނީ މާހިރުގެ ދަށުންނެވެ. ޒިންމާދާރު ވިޔަފާރިވެރިއެވެ. ކުރު ރޯލެއް ނަމަވެސް ރީކޯ ވަނީ ފިލްމުގައި އޭނާގެ އެކްޓިން ފުރިހަމަކަން ސާބިތުކޮށްދީފައެވެ.

ވާޝިޔާ އާއި އާނަންދުގެ ކިބައިން އަޖައިބު!

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ވާޝިޔާ ވަނީ މިހާތަނަށް ގިނަ ޕްރޮޖެކްޓުތަކުން ފެނިގެން ގޮސްފައެވެ. އެއް މަސައްކަތުން އަނެއް މަސައްކަތަށް އޭނާގެ އެކްޓިން އިތުރަށް ރަނގަޅުކުރުމަށްފަހު ބެލުންތެރިން މިފަހަރުވެސް ހިތްއުފާކޮށްދިނީ ވާޝިޔާގެ މޮޅު އެކްޓިންގެ ސަބަބުންނެވެ. އުމުރުން ވަރަށް ޅައިރު މަންމައެއްގެ ކެރެކްޓާ އިން ބަތަލާ ފެނިގެންދިޔުމަކީ ގިނަ ބަޔަކަށް ސިހުންގެނުވި ކަމެކެވެ. ނަމަވެސް އޭނާ ސާބިތުކޮށްދިނީ އުމުރުން ކުޑަނަމަވެސް މަންމައެއްގެ ކެރެކްޓާ ކުޅެވިދާނެ ކަމަށެވެ. އެހާވެސް ފުރިހަމައެވެ. އާނަންދު މި ފިލްމުގައި ކުޅުނީ އިގޫގެ ކެރެކްޓާއެވެ. އާނަންދުގެ ކިބައިންވެސް މޮޅު އެކްޓިން އެއް މި ފިލްމުން ފެނިގެންދިޔައެވެ.

ޒޯޔާ އެކްޓިން ފެނި އެންމެން ރޮއްވާލައިފި!

ގަބޫލެއްވެސް ނުކުރެވެއެވެ. ފިލްމުގައި ބަތަލާ ނިއުމާގެ ދަރިފުޅު ޒޯޔާ ކުޅުނީ ހަމްރާ ކެރެކްޓާއެވެ. ހަމަގައިމުވެސް މަންމަގެ ކިބައިން އޭނާއަށް އެކްޓިންގެ ހުނަރު ހުރީ ހަމަ ރަނގަޅަށްވެސް ވާރުތަވެފައެވެ. ފިލްމުގައި ޒޯޔާ ފެނުނު ދިހަ ވަރަކަށް މިނެޓް ވެގެންދިޔައީ މުޅި ފިލްމުގެ އަސްލަށެވެ. ޒޯޔާގެ ވާހަކައިން ބެލުންތެރިން ރޮއްވާލިއެވެ. ހިމޭންވެފައި އޮތް އޮލިމްޕަސް ތެރެއިން އިވެމުން ދިޔައީ ގިސްލުމުގެ އަޑެވެ. ޒޯޔާ ހަމަ ހަގީގަތުގައިވެސް ހަމަ މޮޅީއެވެ. އޭނާއަށް ތައުރީފު ހައްގެވެ.

ފިލްމުގެ އެހެން ކެރެކްޓަރުންގެ އެކްޓިން ވެސް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ޖަވީގެ ކެރެކްޓާއިން ފެނިގެންދިޔަ އިފްނާޒް ފާހަގަކޮށްލެވެއެވެ. އޭނާގެ ތަފާތު މޮޅު ރޯލެކެވެ. ބެލުންތެރިން ހެއްވާވެސްލިއެވެ. ޖިމީ، ޖިލިއަން އަދި ޝުހާ އާސިމް އަދި ތާތި ކުޅުނު ރޯލުތައްވެސް ފައްކަލެވެ. ފިލްމުގެ ކާސްޓުން ފެށިގެން ފިލްމުގެ ކޮންމެ މަންޒަރެއްވެސް އެހާ ފުރިހަމައެވެ. އެހާ ކޮލިޓީއެވެ.

ސިނަމޮޓޮގްރަފީ އިން ފެށިގެން ފިލްމުގެ ލަވަތަކާ ހަމައަށެވެ. ވަރަށް ފުރިހަމައެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ހޫނު ތަރުހީބުގެ އަތްތިލަބަޑިއަކާއެކުގައެވެ. ޓެޑްރީގެ އެނބުރި އައުން "ލަސްވިޔަސް" އެންމެ ހިމަނާރާ ކުޅެލާފިއެވެ. ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ފިލްމު ކިތަންމެ "ލަސްވިޔަސް" މި ފިލްމު ބަލަން ޖެހެއެވެ. ޓީމަށް ސާބަހެވެ!