ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" މިރޭ ޕްރިމިއާކުރާނެއެވެ.

މިރޭ 18:50 ގައި ރެޑްކާޕެޓް އިވެންޓް ފަށާއިރު ފިލްމު އޮލިމްޕަސް ތިއޭޓާގައި އަޅުވާނީ 20:00 ގައެވެ. ލަސްވިޔަސްގެ ޕްރިމިއާ އިވެންޓަކީ ހަމައެކަނި ދައުވަތު ދިން ފަރާތްތަކަށް ބައިވެރިވެވޭ އިވެންޓެކެވެ. ގެސްޓު ލިސްޓުގައި ނަން ހިމެނޭ ބައިވެރިންނަށް އެކަނި ވަދެވޭ މި އިވެންޓުގައި ފިލްމުގެ ޑައިިރެކްޓަރު އަދި ފިލްމުގެ ތަރިންގެ އިތުރުން މަޝްހޫރު ގިނަ ތަރިންނާއި މީޑިއާ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާ އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ބެލެވެ މި ފިލްމަކީ އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ތިން ޓްރެއިލާ އިން މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަކީ 1994 ވަނަ އަހަރު ޓެޑްރީ ޑައިރެކްޓްކުރި "ދެރިޔާ" އަށްފަހު ގެނެސްދޭ ފުރަތަަމަ ފީޗާ ފިލްމެވެ.

ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޓިކެޓްގެ އަގު އުޅެނީ 160 ރުފިޔާއަށެވެ. ފިލްމުގެ 64 ޝޯ ދައްކަން އޮލިމްޕަސް މިހާރުވެސް ބުކްކޮށްފައިވެއެވެ. މަޝްހޫރު ފިލްމު ދެރިޔާ، އަމާނާތް، ހުޅުކޮޅު އަދި ބިތުފަންގި 2 ވެސް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޓެޑްރީ އަކީ ގައުމީ ފެންވަރުގައި އެންމެ މޮޅު ޑައިރެކްޓަރު، ސްކްރީންޕްލޭ ރައިޓަރު އަދި ޕްރޮޑިއުސަރުގެ އެވޯޑުވެސް ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. ޓެޑްރީ ޓޯކީސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑަކްޝަން ހައުސް އަކީ އެޓާނަލް ޕިކްޗާސް އެވެ. އަހްމަދު ނާސިރު، އިބްރާހިމް ރަޝީދު އަދި ޓެޑްރީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ބަތަލާ ފައުޒިއްޔާ ހަސަން ކުޅުނު އެންމެ ފަހު ފިލްމުވެސްމެއެވެ.