ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އާ ފިލްމު "ލަސްވިޔަސް" ގެ އާ ޓްރެއިލާއެއް ރޭ ރިލީޒްކޮށްފިއެވެ.

މީގެ ހަތްވަރަކަށް އަހަރުކުރިން ތަޖުރިބާކާރު ޑައިރެކްޓަރު ޓެޑްރީ ލޯންޗްކުރި މި ފިލްމު ރިލީޒްކުރަން ގާތްވެފައިވަނިކޮށް ފިލްމުގެ ދެވަނަ ޓްރެއިލާއެއް އާންމުކޮށްފައިވާއިރު ޓްރެއިލާއިން އެކަނިވެސް ހުރިހާ އިހުސާސެއް އެކުލެވެއެވެ. 1994 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޓިކެޓްގެ އަގު އުޅެނީ 160 ރުފިޔާއަށެވެ. ފިލްމުގެ 64 ޝޯ ދައްކަން އޮލިމްޕަސް މިހާރުވެސް ބުކްކޮށްފައިވާއިރު މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރާނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމުގެ ޓިކެޓް އޮންލައިންކޮށްވެސް ބުކްކުރުމުގެ ފުރުސަތު ވަނީ ފިލްމުގެ ޓީމުން ހުޅުވާލާފައެވެ. ފިލްމުގެ ޓިކެޓް ބުކްކުރެވޭނީ ފިލްމުގެ ޓިކެޓް ބުކްކުރަން ހަދާފައިވާ ހާއްސަ ވެބްސައިޓް، ލަސްވިޔަސްޑޮޓްކޮމް މެދުވެރިކޮށެވެ.

https://youtu.be/S-VlzoX9nP8

ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާފައިވާއިރު އެ ހުރިހާ ރަހަތަކެއް ފިލްމުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔައެވެ. ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. ވާޝިޔާ ފެނި ގެންދާނީ ޔުސްރާ ކިޔާ ރޯލަކުން ފެނިގެންދާއިރު އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. މި ފިލްމުގައި މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންގެ ކުޅަދާނަ އެކްޓިން ވެސް ފެނިގެންދާނެއެވެ. ޒޯޔާ ކުޅޭނީ ހަމްރާ ކެރެކްޓާއެވެ.

މަޝްހޫރު ފިލްމު ދެރިޔާ، އަމާނާތް، ހުޅުކޮޅު އަދި ބިތުފަންގި 2 ވެސް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޓެޑްރީ އަކީ ގައުމީ ފެންވަރުގައި އެންމެ މޮޅު ޑައިރެކްޓަރު، ސްކްރީންޕްލޭ ރައިޓަރު އަދި ޕްރޮޑިއުސަރުގެ އެވޯޑުވެސް ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. ޓެޑްރީ ޓޯކީސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑަކްޝަން ހައުސް އަކީ އެޓާނަލް ޕިކްޗާސް އެވެ. އަހްމަދު ނާސިރު، އިބްރާހިމް ރަޝީދު އަދި ޓެޑްރީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ބަތަލާ ފައުޒިއްޔާ ހަސަން ކުޅުނު އެންމެ ފަހު ފިލްމުވެސްމެއެވެ.