1994 ވަނަ އަހަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދިން އޭނާގެ އަލަތު ފިލްމު "ދެރިޔާ" އަށްފަހު ގެނެސްދިން އޭނާގެ ޑައިރެކްޝަން ފިލްމު "ލަސްވިޔަސް" އޮލިމްޕަހުގައި ޕްރިމިއާކޮށްފިއެވެ.

ދިގު އިންތިޒާރަކަށްފަހު ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި މި ފިލްމު އަޅުވާފައިވަނީ ހައުސްފުލް ޝޯ އަކާއެކުގައެވެ. ފިލްމުގެ މައިގަނޑު ޕްލޮޓަކީ މިޒަމާނާ އެންމެ އެކަށީގެންވާ ގޮތަށް ބިނާކޮށް ގެނެސްދީފައިވާ ޕްލޮޓެކެވެ. ކާމިޔާބު ލަވަކިޔުންތެރިޔާ ވާޝިޔާ މުހައްމަދު (ޔުސްރާ) އަށް އީސާ (އާނަންދު) ފެންނަނީ ހިތާނީ ހަފުލާއެއްގެ ތެރެއިންނެވެ. އެ ސަކަރާތުގެ ތެރެއިން ދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދެއެވެ. ކުޑަބަނޑޮހަށް ޕިކްނިކް ދަތުރުން ފައްކާވި ގުޅުންތަކެވެ. ދެމީހުން ލޯބިވެ، ކައިވެންޏާ ހަމައަށް ދަނީ އެ ހިސާބުންނެވެ. ދިރިއުޅުމުގެ އެންމެ މުހިއްމު ދަތުރު ފެށިއިރު ކުރިމަތިލާންޖެހުނު ގަދަ އޮޔާ ބިޔަ ރާޅުތަކުގައި ޖެހި ހުންގާނުގެ އިލި ކެނޑި މިސްރާބު ކަސިޔާރުވެގެންދާ ގޮތެވެ. މިއީ ލަސްވިޔަސްގެ މައިގަނޑު ؛ޕްލޮޓެވެ.

ފިލްމު ބަލަމުން ދިޔައިރު މުޅި އޮލިމްޕަސް އޮތީ ހިމޭންވެފައެވެ. ފިލްމުގެ މައިގަނޑު ތަރި ކަމަށްވާ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަންގެ އެކްޓިން އެންމެން ވެސް ފާހަގަކުރިއެވެ. ފިލްމު ނިމެމުން ދިޔައިރު ޒޯޔާގެ ހަތް މިނެޓުވީ ވާހަކަ ކޮޅުން ބެލުންތެރިންގެ ހިތުގައި ރާޅުބާނީއެއް އުފައްދައިލިއެވެ. އެ ސީނު ފެށުނު ހިސާބުން މުޅި ސިނަމާތެރެއިން އިވެމުން ދިޔައީ ގިސްލުމުގެ އަޑެވެ.

ކުރީގެ ތަރި ފައުޒިއްޔާ އާއީ ރީކޯ މޫސާ މަނިކު ވެސް ހާއްސަ ފެނިލުމަކުން ފެންނަ މި ފިލްމުގެ ޝޯތައް އަންނަ ޖޫން މަހުގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމާފައެވެ. މި ފިލްމަކީ ފައުޒިއްޔާގެ އެންމެ ފަހުގެ މަސައްކަތްވެސްމެއެވެ. ފިލްމުގެ ރިވިއުއަށް އިންތިޒާރުކޮށްލައްވާށެވެ.