ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އާ ފިލްމު "ލަސްވިޔަސް" ގެ ފަހު ޓްރެއިލާ އިއްޔެ ރިލީޒްކޮށްފިއެވެ.

މީގެ ހަތްވަރަކަށް އަހަރުކުރިން ތަޖުރިބާކާރު ޑައިރެކްޓަރު ޓެޑްރީ ލޯންޗްކުރި މި ފިލްމު ރިލީޒްކުރަން ގާތްވެފައިވަނިކޮށް ފިލްމުގެ ދެވަނަ ޓްރެއިލާއެއް އާންމުކޮށްފައިވާއިރު ޓްރެއިލާއިން އެކަނިވެސް ހުރިހާ އިހުސާސެއް އެކުލެވެއެވެ. 1994 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޓިކެޓްގެ އަގު އުޅެނީ 160 ރުފިޔާއަށެވެ. ފިލްމުގެ 64 ޝޯ ދައްކަން އޮލިމްޕަސް މިހާރުވެސް ބުކްކޮށްފައިވާއިރު މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމުގެ ޓިކެޓް އޮންލައިންކޮށްވެސް ބުކްކުރުމުގެ ފުރުސަތު ވަނީ ފިލްމުގެ ޓީމުން ހުޅުވާލާފައެވެ. ފިލްމުގެ ޓިކެޓް ބުކްކުރެވޭނީ ފިލްމުގެ ޓިކެޓް ބުކްކުރަން ހަދާފައިވާ ހާއްސަ ވެބްސައިޓް، ލަސްވިޔަސްޑޮޓްކޮމް މެދުވެރިކޮށެވެ.

https://youtu.be/VUVTLqY8-dU

ފިލްމުގެ ތިން ވަނަ ޓްރެއިލާ އެއް އިއްޔެ ބެލުންތެރިންނަށް ދައްކާލާފައިވާއިރު އެ ޓްރެއިލާ ވަރަށް އަސަރުގަދަ އެވެ. ކައިވެނި ރޫޅުމުގެ ސަބަބުން ދަރިންނަށް ކުރާ އަސަރު ވަރަށް ރަނގަޅަށް ފިލްމުގެ ޓްރެއިލާއިން ފެނިގެންދިޔައެވެ. އަދި ދަރިފުޅުގެ އާދޭސްތައް މި ޓްރެއިލާއިން ފެނިގެންދިޔައެވެ. ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާފައިވާއިރު އެ ހުރިހާ ރަހަތަކެއް ފިލްމުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔައެވެ. ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. ވާޝިޔާ ފެނި ގެންދާނީ ޔުސްރާ ކިޔާ ރޯލަކުން ފެނިގެންދާއިރު އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. މި ފިލްމުގައި މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންގެ ކުޅަދާނަ އެކްޓިން ވެސް ފެނިގެންދާނެއެވެ. ޒޯޔާ ކުޅޭނީ ހަމްރާ ކެރެކްޓާއެވެ.