ޖަޒީރާ ނަމުގައި ހިންގި ޓެލެގްރާމް ގްރޫޕުން ހަށިވިއްކުމަށް ބޭނުންކުރި ހާއްސަ ޓެކްސީ ދުއްވި ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި 60 އަހަރުގެ މީހާއަކީ އެ ބޮޑު ނެޓްވޯކް ހިންގުމަށް ބޭނުންކުރި ޓެކްސީ ދުއްވި ޑްރައިވަރެވެ.
މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރުކުރި 5 ޓެލެގްރާމް ޗެނަލެއް ސީޒްކޮށް ދެ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ އިރު، އެއީ ދެމަފިރިންނެވެ. އަދި އޭގެ ތެރެއިން އެކަކަކީ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑް އޮތް މީހެކެވެ.
ހުސްވި މަހު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ބުނެފައި ވަނީ މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް، އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި ޓްރާންސެކްޝަން ހިންގާފައިވާ ކަމަށެވެ. އެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު އަދިވެސް ގިނަ ބަޔަކަށް ކުރަމުންދާ ކަމަށާއި އެއިން ކޮންމެ މީހެއްގެ އެކައުންޓުން ވެސް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ދައުރުވެފައިވާ ކަމަށް ފުލުހުން ވަނީ އެދުވަހު މައުލޫމާތު ދެއްވާފައެވެ.
އޭޕްރީލް، 2023 ގައި އުފެއްދި އެ ޗެނަލްތައް ޖަޒީރާ އެންމެ ކުރިއަރާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޗެނަލްތައް ފުލުހުންގެ ބާރުގެ ދަށަށް ގެނައި އިރު ވެސް އެ ޗެނަލްތައް ފޮލޯ ކުރާ 7000 ކަސްޓަމަރުން ތިބި ކަމަށްވެއެވެ.