މަސާޖު ޕާލާތައް ހިންގުމަށް މިހާތަނަށް އެއްވެސް އިދާރާއަކުން ހުއްދަ ދީފައި ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖު ޕާލާތައް ހިންގުމަށް އެއްވެސް އިދާރާއަކުން ހުއްދަ ދީފައެއް ނޯންނާނެ ކަމަށާއި، ނަމަވެސް މިފަދަ ކަންކަން ކުރެވެނީ ސެލޫން ގެ ނަމުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެހިސާބުން ވިޔަފާރި ބަންދު ކުރެވޭނެ ހާލަތު އައީ ކަމަށާއި އެއީ ހުއްދަ ނުދޭ މަސައްކަތެއް އެ ތަނުގައި ކުރުމުން ކަމަށެވެ.

އިހްސާން ވިދާޅުވީ މިއަދުން ފެށިގެން މިހާރު އެކުލަވާލެވިފައިވާ ޓާސްކް ފޯސްއަށް މިފަދައިން މަސާޖު ޕާލާ ހިންގާ ކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެ ތަނެއް ބަލާ އެތަނެއް ބަންދު ކުރާނެ ކަމަށެވެ.

މިނިސްޓަރު އިހުސާން މީގެ ކުރިންވެސް ވަނީ ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަނެއް މާލެ ސަރަހައްދުގައި ހުރި ކަމަށާއި، އެފަދަ ކަންކަމުގައި ރާއްޖެއިން ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް، ބޭނުން ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މާލޭގައި މަސާޖު ޕާލާތަކުގައި ހަށިވިއްކާ މައްސަލަ މީގެ ކުރިން ފެންމަތިވެ އެ ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް މީހުންވެސް ވަނީ ގެންގޮސްފައެވެ. މިފަދަ އަމަލުތައް ހިންގުމުގައި ދިވެހިންނާއި ބިދޭސީންވެސް އުޅޭ ކަން ފާހަގަކޮށްލެވެއެވެ.