ހުޅުމާލޭ ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެހި 3 އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑުގެ 3 އަންހެނުންނެވެ.

ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް 7 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކުރެވުނު 7 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުންގެ ބަންދަން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ދިވެހި 3 އަންހެނުންގެ ބަންދަން ޖަހާފައި ވަނީ 7 ދުވަސް ކަމަށާއި ފިރިހެން މީހާ 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގައި ޝާމިލްވާ ބިދޭސީ 5 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު މި މަހުގެ ތެރޭގައި އިމިގްރޭޝަންއިން ވެސް ވަނީ އަތުލައިގެންފައެވެ.