ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 6 މީހަކު އަތުލައިގަނެ، 3 މީހަކު ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހު އަދި ސެޕްޓެންބަރު މަހު ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައެވެ.

އިމިގްރޭޝަންއިން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގައި ޝާމިލްވާ ބިދޭސީ 5 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 މީހަކު ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ދެން ތިބި 3 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ހަށި ވިއްކުމުގެ ތަފާތު 2 މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ފުރަތަމަ މައްސަލާގައި 4 އަންހެނުން ހިމެނޭއިރު، 2 ވަނަ މައްސަލާގައި ހިމެނެނީ އަންހެނެއްގެ އިތުރުން އޭނާގެ އެޖެންޓްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ފިރިހެނެކެވެ.