އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން މިސައިލް ހަމަލާއެއް ދީ 11 މީހަކު މަރާލުމުގެ ބަދަލު ހިފަން އީރާނުން އިޒްރޭލަށް ފޮނުވާލި އެތައް 100 ހަމަލާއެއް ނާކާމިޔާބު ކޮށްލައި އެ ހަމަލާތަކުގައި ވަރެއް ނެތްކަމަށް ދޭހަވާ ގޮތަށް މަލާމާތް ކުރަމުން އެބަދެއެވެ.

އީރާނުން އިޒްރޭލަށް ހަމަލާދޭން ބޭނުން ކުރީ ޑްރޯން އާއި މިސައިލެވެ. އީރާނުގެ ހަމަލާތަކުގެ ތެރޭހައި ލުބުނާޞުގެ ހިޒުބުއްލޯ އިން ވެސް ރޮކެޓް ހަމަލާ ދީފައި ވާ އިރު, އިޒްރޭލުގެ ވައިގެ ސަރަހައްދުގެ ބޭރުންނާއި އެތެރެއިން ޖުމްލަ 300 އަށް ވުރެ ގިނަ ހަމަލާ ނައްތާލި ކަމަށް ހަބަރުތައް ބުނެއެވެ. އެ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި އެމެރިކާ, އިނގިރޭސިވިލާން, އުރުދުން އާދި ފުރާންގެ ފައުޖުތަކުން އިޒްރޭލާ ބައިވެރިވެފައި ވެއެވެ.

ހަމަލާގެ ކާމިޔާބީ އީރާނުގައި ފާހަގަ ކުރަމުން ދާ އިރު, ތާރީހެއް ނޭނގޭ ގޮތަށް ވީޑިއޯ އާއި ފޮޓޯ އާންމުކޮށް އިޒްރޭލުން ބުނީ, އީރާނުން ފޮނުވާލި ބެލެސްޓިކް މިސައިލްތަކުގެ ތެރެއިން މިސައިލެއް އިޒްރޭލުގެ ދެކުނުގައި އޮންނަ ނަވަތިމް އެއާބޭސް އަށް އަމާޒުވި ކަމަށެވެ. ނަމަވެސް އެ މިސައިލް އަމާޒުވީ އެއާ ބޭސް ކައިރި ބިން މައްޗަށް ކަމަށާއި އެއިން ވަޅުގަނޑެއް ހެދުން ފިޔަވައި އެއާ ފީލްޑަށް ލިބުނު އެއްވެސް ގެއްލުމެއް ނެތް ކަމަށް ބުނެފައި ވެއެވެ. އަދި އިޒްރޭލުން ވަނީ އީރާނުގެ ޑްރޯންތައް ވައިގެތެރޭގައި ގޮއްވާލުމަށް ބޭނުން ކުރި ޖެޓްތައް މިޝަން ނިންމާ އެ އެއާބޭސް އަށް ޖައްސަނީ ކަމަށް ބުނެ ވީޑިއޯ ކްލިޕެއްވެސް އާންމު ކޮށްފައެވެ.

އީރާނުން ފޮނުވާލި މިސައިލް އެއާބޭސް އަށް އަމާޒުވެ ހެދިފައި ވާ ވަޅުގަނޑު

އިޒްރޭލުން ދެން ބުނީ, އީރާނުން ފޮނުވާލި އެއޮއްހާ ހަމަލާގެ ތެރެއިން 99 ޕަސެންޓް ހަމަލާ ވައިގެ ތެރޭގައި ގޮއްވާލުމުން ކުނޑިކުނޑިވެގެން ވެއްޓުނު ބައެއް ބައިތަކުގެ ތެރެއިން ބައެއް ނެގަވް ޑެޒާޓް [އެ އެއާބޭސް އޮންނަ ސަރަހައްދުގެ ސަރަހާ] ތެރޭގައި އަރަބި ކުއްޖަކު ދިރިއުޅޭ ގެއެއްގެ މައްޗަށް ވެއްޓި އެ ކުއްޖާ ޒަހަމްވުން ފިޔަވައި އަނިޔާއެއް ލިބުނު މީހަކުވެސް ނެތް ކަމަށެވެ. އުމުރުން 7 އަހަރުގެ އެކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ބޯ ޒަހަމްވެފައި ވާކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އީރާނުގެ ހަމަލާއާ ގުޅިގެން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި މިސައިލް ހަމަލާތައް އަމާޒުވެ ތަންތަން ގޮވާ އަލިފާން ރޯވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކޮށް އިޒްރޭލަށް ފިލާވަޅެއް ދީފި ކަމަށް ބައެއް އާންމުން ބުނެފައި ވާ އިރު, ޓްވިޓާ ވެރިފައި, ބީބީސީ ވެރިފައި އަދި އަލްޖަޒީރާ އިންވެސްޓިގޭޓްސް ފަދަ ފަރާތްތަކުން ބުނެފައި ވަނީ, އެ ވީޑިއޯތަކަކީ މާކުރީގެ ތާރީހުތަކެއްގައި ހިނގާފައި ހުރި ހާދިސާތަކެއްގެ ވީޑިއޯތަކެއްކަން އެފަރާތްތަކަށް ކަށަވަރު ކުރެވިފައި ވާ ކަމަށެވެ.

ހަމަލާގެ ކާމިޔާބީ އީރާނުން ފާހަގަ ކުރާ އިރު އެގައުމުގެ އޮފިޝަލުން ބުނެފައި ވަނީ, ހަމަލާ އަމާޒު ކުރީ އަސްކަރީ ތަންތަނަށް ކަމަށާއި ކާމިޔާބު ކަމާއެކު މިޝަން ނިންމާލެވިއްޖެ ކަމަށެވެ. އީރާނުން އެހެން ބުނުން ފިޔަވައި އެކަން ސާބިތު ކޮށްދިނުމަށް ވީޑިއޯއެއް ވެސް އަދި ފޮޓޯއެއްވެސް އާންމު ކޮށްފައެއް ނުވެއެވެ.

ދުނިޔެ މީޑިއާގެ ޕްރޮޕެގެންޑާއެއްގެ މަތީގައި ދައުރު ކުރަމުން ދާ އިރު, ދެފަރާތުން ދައްކާ ވާހަކައިން ދިމާވަނީ އެންމެ ކަމެކެވެ. އެއީ އީރާނުން ހަމަލާ ދިން ކަމާއި, އެ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލަށް ކުރި ލިބިފައި ވާކަމެވެ.

އީރާނުގެ ހަމަލާއަށް ބަދަލު ހިފަން އިޒްރޭލުން މަސައްކަތް ކުރަމުން ދާ އިރު އިޒްރޭލުގެ އަސްކަރީ ކެބިނެޓުގައި މަޝްވަރާ ކޮށް މިއަދު ގޮތެއް ނިމިފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ހަމަލާގެ އަގު އަދާކުރަން ޖެހޭނެ ކަމަށާއި އެ ހަމަލާގެ މުގާބިލުގައި ހަމަލާދޭނެ ކަމަށް އެ ކެބިނެޓުގައި ހިމެނޭ ހަރުކަށި ފިކުރުގެ ވަޒީރުން ބުނެފައި ވެއެވެ.

އިޒްރޭލުން ރައްދު ހަމަލާއެއް ދިނަ ނުދިނުމަށް އެމެރިކާއިން އެ ކަމުގެ ތެރެއަށް ވަދެފައި ވާ އިރު ބުނެފައި ވަނީ, ރޭ އީރާނުން ދިން ހަމަލާއިން ކާމިޔާބު ވީ އިޒްރޭލަށް ކަމަށާއި ރައްދުގައި ހަމަލާ ނުދިނުމަށެވެ. އަދި އިޒްރޭލުން އެފަދަ ކަމެއް ކުރާނަމަ އެމެރިކާއިން ބައިވެރި ނުވާނެ ކަމަށާއި ނަމަވެސް އިޒްރޭލު ދިފާއު ކުރުމުގައި ސާބިތު ކަމާއެކު އެމެރިކާ އޮންނާނެ ކަމަށް ބުނެފައި ވެއެވެ.