ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ވަމުން އަންނަ އިރު ރަށްރަށުން ތަފާތު ބާވަތްތަކުގެ އެއްޗެހި ތައްޔާރުކޮށް ގެސްޓުންނަށް ވިއްކުމަކީ މިހާރު ރަށްރަށުން ވަރަށް ގިނައިން ފެންނަ ކަމެކެވެ. އެ ގޮތުން ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ ދިރިއުޅުން ދައްކުވައިދޭ ތަފާތު އެއްޗެހި ތައްޔާރުކޮށްގެން ވިއްކާ މީހުން އުޅެއެވެ.
ޓޫރިޒަމް ތަރައްގީ ވަމުން އަންނަ ދ. އަތޮޅުގެ ހުޅުދެލި، އަހްމަދު ޝާހިދު އަކީ ކަނޑުން ދޯނި ހަދައިގެން ވިއްކަމުން އަންނަ މީހެކެވެ. ކޮވިޑްގެ ފަހުން އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ފެށުމުގެ ނިޔަތުގައި ޝާހިދު މި މަސައްކަތް ފެށި ގޮތް ހިއްސާ ކުރަމުން ބުނީ، މި މަސައްކަތް އޭނާގެ ކޮއްކޮ ވަރަށް މޮޅަށް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް އޭނާ ކުރާތަން ފެނި މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުމުން ދޯންޏެއް ކޮށައި ދިނުމަށް އެދުނީ ކަމަށް ޝާހިދު ބުނެއެވެ.
އެގޮތުން އެއް ދުވަހު އޭނާގެ ކޮއްކޮ އައިސް ދޯނި ކޮށައިދިން ކަމަށާއި އެ ހިސާބުން އެ ދޯނި ކޮށައިގެން ހަދަން އޭނާ ދަސްކުރި ކަމަށް ޝާހިދު ބުނެއެވެ. އެ ދުވަހަށް ފަހު އޭނާ ލަކުނޑިން ހަދާ މިފަދަ ދޯނިތައް ހަދައި ވިއްކަން ފެށީ ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން ދޯނި ހަދައި އުޅެނީ އޭނާއަށް ލިބޭ އޯޑަރަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ބުނެއެވެ.
އޭނާ ތައްޔާރުުރާ ދޯނީގެ އަގުތައް މިއުޅެނީ އެންމެ ކުޑަކޮށް 300 ރުފިޔާއަށް އަދި އެންމެ ބޮޑު ކޮށް ހަދާ ދޯނި 700 ރުފިޔާއަށް ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން މިހާރު ބަނދި ޒާތުގެ އެއްޗެހި ވެސް ހަދަމުން އަންނަ ކަމަށާއި ބަނދީގެ އަގަކީ 200 ރުފިޔާއަށް ކަމަށް އޭނާ ބުނެއެވެ.
އޭނާގެ އަތުން މި ތަކެތި އެންމެ ގިނައިން ގަންނަނީ ރިސޯޓް ތަކުގައި މަސައްކަތް ކުރާ އެ ރަށު މީހުން ކަމަށް ޝާހިދު ބުނެއެވެ. އެކުދިން ގެސްޓުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭން ވެސް މިފަދަ ތަކެތި ގަންނަ ކަމަށް އޭނާ ބުނެއެވެ.
ދޯންޏެއް ހަދުމަށް ވަރަށް ވަގުތު ހޭދަވާ ކަމަށާއި އެގޮތުން އެއް ދުވަސް އެކީގައި ވެސް އެ މަސައްކަތަށް ވަގުތު ހޭދަ ކުރަން ޖެހޭ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ދުވާލަކު ދޯންޏެއް ނިންމާލެވޭނެ ކަމަށް އޭނާ ބުނެއެވެ.
ލަކުޑިން ދޯނި ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން ޝާހިދަކީ ލަނޑާ ނަގަން ގޮސް އުޅުނު މީހެކެވެ. މިހާރު ވެސް އޭނާ އެ މަސައްކަތް ކުރާ ކަމަށާއި ދޯނި ހެދުމުގެ މަސައްކަތް ފެށީ އިތުރު އާމްދަނީ ހޯދުމަށް ކަމަށް އޭނާ ބުނެއެވެ. ލަނޑާ ނަގަން ދަނީ އާންމުކޮށް ހަވީރު 4 އިން 6 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި އަދި އެނބުރި ރަށަށް އަންނަނީ ދަންވަރު 12 ޖަހާކަށް ހާއިރު ކަމަށް ޝާހިދު ބުނެއެވެ. ލަނޑާ އިން އައިސް ނިދުމަށް ފަހު ފަތިސް ނަމާދަށް ހޭލާ ގޮތަށް ހަވީރު ލަނޑާ ނަގަން ދާން ދެން އޭނާ ދޯނި ހެދުމުގެ މަސައްކަތުގައި އުޅޭ ކަމަށް އޭނާ ބުނެއެވެ.
މި މަސައްކަތުގައި އޭނާއަސް ކުރިމަތިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ބޭނުންވާ ވަރަށް ކަނޑު ނުލިބުން ކަން ޝާހިދު ފާހަގަ ކުރެއެވެ. ހުޅުދެލީގައި މި ވަގުތު ކަނޑު ލިބެން ނެތުމުން މިހާރު ދޯނި ހެދުމަށް ބޭނުންވާ ކަނޑު ހޯދަނީ ރަށްރށުން ރައްޓެހިން ކައިރީ ބުނެގެން ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން ކަނދު އޭނާއަށް ލިބެނީ ހިލޭ ކަމަށާއި ނަމަވެސް މިހާރު އެހެން ރަށްރަށުން ކަނދު ހޯދަން ޖެހުމަކީ މި ވަގުތު އެންމެ ބޮޑު ގޮން ޖެހުން ކަމުގައި ޝާހިދު ބުނެއެވެ.
މި މަސައްކަތަކީ ކަމެއް ނެތި ހުރުމުގެ ބަދަލުގައި ދަސްކޮށްގެން ކުރަން ރަނގަޅު މަސައްކަތެއް ކަމަށް ޝާހިދު ބުނެއެވެ. އަދި މި މަސައްކަތަކީ ދަސްކުރަން ވެސް އެހާ ފަސޭހަ މަސައްކަތެއް ކަމަށާއި އޭނާ ވެސް މި މަސައްކަތް ދަސްކުރަން ހޭދަކުރީ އެންމެ ދުވަހެއް ކަމަށް ބުންޏެވެ. އަދި ރާއްޖޭގައި ރިސޯޓްތައް ތަރައްގީ ވަމުން އަންނަ އިރު، މިފަދަ ތަކެތި ހަދައިގެން ރިސޯޓްތަކުން މާކެޓް ހޯދައިގެން ވިއްކުމަކީ މި މަސައްކަތް ފުޅާ ކުރުމަށް ކުރެވޭނެ ކަމެއް ކަމަށާއި މި މަސައްކަތީ މުސްތަގްބަލެއް އޮތް މަސައްކަތެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއެވެ. އަދި ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ކަމަށް ވެސް އޭނާ ބުނެއެވެ.
ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ބޭނުން ވަނީ ކެރުމާއި ވަރުގަދަ އަޒުމެއް ކަމަށް އޭނާ ބުނެއެވެ. ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޝާހިދު ބުނެއެވެ. ހުރަސްތަކާ ކުރިމަތި ނުލާން މަޑުކޮށްގެން ހުންނަން ވެއްޖިއްޔާ އެއްވެސް ކަމެއްގައި ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ބުނެއެވެ.