ލ އަތޮޅުގައި މެރިންޓައިމް ހަބް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު އެވޯޑްކުރުމުގެ ލިޔުންތަކުގައި ސޮއިކުރައްވާފައި ވަނީ މިހާރު ލ އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައެވެ.

އެ ލިޔެކިޔުންތަކުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރައްވާނީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި ޗައިނާގެ ކެމްސީ އިންޖިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޖެނަރަލް މެނޭޖަރު ލީ ވޭ ވޭއެވެ.

އެމްޕީއެލް އިން ގާދޫގައި ފީސަބިލިޓީ ދިރާސާތައް ކުރިއަށް ގެންގޮސްފައި ވާއިރު ގާދޫ ތަރައްގީ ކުރަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ "އިންޓަގްރޭޓަޑް ކޮންސެޕްޓް" އަކަށެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން:

  • ބަންކަރިން: އެ ސަރަހައްދުން ދަތުރުކުރާ ކާގޯ ވެސަލްތަކާއި، ކްރޫޒް / ޔޮޓްތަކަށް "އޮފް ޝޯ" ބަންކަރިން ހިދުމަތް ފޯރުކޮށްދިނުން.
  • ކްރޫޒް ޓާމިނަލް: ރާއްޖޭގައި އަދި މިހާތަނަށް ކްރޫޒް ލައިނާތަކަށް ހާއްސަ ސަރަހައްދެއް ނެތްއިރު ގާދޫގައި ކްރޫޒް ޓާމިނަލްއެއް ހެދުމުން، އެ ސަރަހައްދަށް ކްރޫޒް ލައިނާތަކަށް ދަތުރުކޮށް، މެރިޓައިމް ހަބްގައި ދެން ހުރި ހިދުމަތްތަކަށް ޑިމާންޑް އުފެދިގެން ދާނެ.
  • އިންޓަަގްރޭޓަޑް އީކޯ ޓޫރިޒަމް: ގާދޫގައި ޓޫރިސްޓް ހޮޓަލާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓަޑް އީކޯ ޓޫރިޒަމް ކޮންސެޕްޓް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު މީގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ.
  • ކޯލްޑް ސްޓޯރޭޖް: ލާމު އަތޮޅަކީ ދަނޑުވެރިކަން ކުރާ އަތޮޅަކަށްވާއިރު، ކޯލްޑް ސްޓޯރޭޖްތައް ބޭނުންކޮށްގެން ދަނޑުވެރިން ހައްދާ ތަކެތި ރައްކާކުރެވެ، ސަޕްލައިގެ ހިދުމަތްވެސް ފޯރުކޮށްދެވޭނެ.
  • ޓްރާންޝިޕްމަންޓް: ޓްރާންޝިޕްމަންޓް ހިދުމަތް ތައާރަފްކުރުމުން ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ގާދޫ ތަރައްގީކުރެވިގެން ދާނެ.

އެ މަޝްރޫއުގެ އިތުރު ކައްދޫ އެއާޕޯޓް ތަރައްގީކުރުމުގެ އެމްއޯޔޫއެއްގައި މިރޭ ސޮއިކޮށްފައިވެއެވެ. އެ އެމްއޯޔޫގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރައްވާފައިވާއިރު ޗައިނާގެ ކެމްސީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު ލީ ވޭ ވޭއެވެ.