ސިޔާސީ ޕާޓީއެއްގައި 10,000 މެންބަރުން ހަމަވާނަމަ ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ކަނޑައަޅާފައި ވާ އިރު މިއަހަރު 6 ޕާޓީއަކަށް 43.7 މިލިއަން ރުފިޔާ ދޫކުރެއެވެ.

މިހާތަނަށް 4 ޕާޓީއަކަށް ފައިސާ ދޫކޮށްފައި ވާ އިރު އެ ޕާޓީ ތަކަކީ, ޕީޕީއެމް, ޖޭޕީ, އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ.

އެމްޑީޕީއަށް ފައިސާ ދޫކޮށް ދޭން އެދި އިލެކްޝަނުން ފިނޭންސަށް ފޮނުވާފައި ވާ އިރު ފައިސާ އަދި ދޫނުކުރަނީ ޕީއެންސީއަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި އަދަދުތައް:

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

މިއަހަރު ފައިސާ ލިބޭ 6 ޕާޓީ އަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދު ދައުލަތުގެ ބަޖެޓް ފާށްކުރާ ދުވަހާ ހަމައަށް (10,000) މެންބަރުން ހަމަވާ 6 ޕާޓީއެވެ. ކޮންމެ އަހަރަކު އެ އަހަރަށް ފާސްކުރާ ބަޖެޓުގެ 0.01 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ގާނޫނުގައި ލިޔެ ލާޒިމު ކޮށްފައި ވާ އިރު ބައެއް ޕާޓީތަކަކީ މާބޮޑު ސިޔާސީ ހަރަކާތެއް އެއްގޮތަކަށް ވެސް ނުހިންގާ ޕާޓީގައި ތިބި މެންބަރުންގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައި ވާ ޕާޓީތަކެވެ. އެގޮތުން ޖޭޕީ އާއި އަދާލަތާއި އެމްޑީއޭގައި އެ ޕާޓީއަށް ވެއްދި ގޮތެއް ނޭނގޭ ކިތަންމެ މެންބަރުންނެއް ތިބި 3 ޕާޓީއެވެ. އެ ޕާޓީތަކުގެ ދަފްތަރުގައި ނޭނގި މީހުން ޖައްސާފައި ވާ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު, މި މައްސަލަތައް އިލެކްޝަނުން ބަލާކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އެމްޑީޕީ އާއި ޕީޕީއެމް އާއި ޕީއެންސީގައި މި މައްސަލަތައް މަދުކަން ފާހަގަ ކުރެވުނު ނަމަވެސް ޕާޓީތަކުން ވަކިވާ މެންބަރުން ގިނަކަން ފާހަގަ ކުރެވެއެވެ. އިލެކްޝަންސްގައި އޮންނަ ޕާޓީގެ ދަފްތަރަކީ ޕާޓީތަކުގެ ފަރާތުން އަދާ ހަމަކުރަން ޖެހޭ ދަފްތަރެއް ނަމަވެސް އެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުހިނގާ ކަމަށް އެ ޕާޓީތަކަށް ނިސްބަތްވާ ބައެއް އޮފިޝަލުންނާއި އިލެކްޝަންސްގެ ބައެއް އޮފިޝަލުންގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ.

ސިޔާސީ ޕާޓީ ހަދައިގެން ހަރަކާތެއް ނުހިންގާ ދައުލަތުގެ ބަޖެޓުން ފައިސާ ނެގުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އާންމުން ބުނަމުން ދިޔަ ނަމަވެސް ގާނޫނު އޮތީ އެ އަދަދަށް މެންބަރުން ތިބިކަން ސާބިތު ކޮށްދެވޭނަމަ ފައިސާ ދޭން މަޖުބޫރުވާ ގޮތަށެވެ.

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ގެންގުޅޭ މިންގަނޑަކީ ބޮލަކަށް 289.62ރ. ގެ ރޭޓުން ފައިސާ ދިނުމެވެ. މިއަހަރު ފައިސާ ލިބޭ 6 ޕާޓީގައި އެކުޖުމްލަ 152,266 މެންބަރުން ހަމަވާކަމަށް ތަފާސްހިސާޝުތަކުން ދައްކައެވެ.

ސިޔާސީ ޕާޓީ އުފައްދާ ހިންގުމަކީ ކޮންމެ މީހަކަށް މެ އޮތް ފުރުސަތަކަށް ވާއިރު އަދަދު ހަމަނުވާ ޕާޓީތައް ހިމެނޭހެން ރާއްޖޭގައި ޖުމްލަ 10 ޕާޓީއެއް ރަޖިސްޓާ ކޮށްފައި އެބައޮތެވެ. އިތުރު ޕާޓީއެއް (ޕީއެންއެފް) ދަފްތަރު ކުރުމުގެ މަގުމަތީގައި ވާ އިރު ގްރީންޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދާދިފަހުން އިލެކްޝަންސް އިން ވަނީ އާންމު ފަރާތަކަށް ދީފައެވެ.