މި ހިނގާ 2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ޖުމްލަ 5 ޕާޓީއަކަށް ފައިސާ ދޭން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އީސީގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން 27،981،256 ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
އަދި އެ ފައިސާ ލިބިގެންދަނީ ޖުމްލަ ފަސް ޕާޓީއަށް ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެ ފައިސާ ދިނުމަށް ނިންމާފައި ވަނީ ރައްޔިތުން މަޖިލީހުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ޕާޓީތަކަށް އެކަނިއެވެ. އެގޮތުން އެންމެ ގިނަ ފައިސާ ލިބެނީ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީއެންސީއަށެވެ. އަދި ދެވަނައަށް އެންމެ ގިނަ ފައިސާ އެމްޑީޕީއަށް ލިބިގެންދާއިރު ތިން ވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ ޖުމްހޫރީ ޕާޓީއަށެވެ.
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ:
- ޕީއެންސީ - 13.3 މިލިއަން ރުފިޔާ (68،968 މެންބަރުން)
- އެމްޑީޕީ - 8.5 މިލިއަން ރުފިޔާ (43،755 މެންބަރުން)
- ޖުމްހޫރީ ޕާޓީ - 2.7 މިލިއަން ރުފިޔާ (13،826 މެންބަރުން)
- އެމްޑީއޭ - 1.8 މިލިއަން ރުފިޔާ (9،210 މެންބަރުން)
- އަދާލަތު ޕާޓީ - 1.7 މިލިއަން ރުފިޔާ (9،049 މެންބަރުން)
މިއީ ޕާޓީތަކުން ދައްކަން ހުރި ޖޫރިމަނާގެ ފައިސާ އުނިކުރުމަށްފަހު އެ ޕާޓީތަކަށް ދޫކުރަން ނިންމި ފައިސާ ކަމަށްވާއިރު މިއަހަރު ސިޔާސީ ޕާޓީތަކަށް ޖުމްލަ 28 މިލިއަން ރުފިޔާ ބަޖެޓުން ދޫކުރާނެއެވެ. ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއިން ބޮލަކަށް ޖެހޭ އަދަދަކީ 193.23 އެވެ.
މި ފައިސާ ދޫކުރަން ފަށާނެ ވަކި ތާރީހެއް އީސީން ހާމަކޮށްފައި ނުވާއިރު މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓުން 6 ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދީފައި ވެއެވެ.