ދައުލަތް ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކަނޑައަޅާފައިވާ ބަޖެޓް އަދި ހުސްނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން އީސީއަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެ އިތުރަށް ހަރަދު ހިނގާފައިވާ ކަމަށް ދައްކާފައި ވުމުންނެވެ.
އެގޮތުން އީސީއަށް މި އަހަރު 32.4 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބަޖެޓުން އީސީން ވަނީ 35.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް އެ ރިޕޯޓުން ދައްކައެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ބަޖެޓް ހުސްނުވާ ކަމަށެވެ. އެހާ ބޮޑު އަދަދެއް ހަރަދަށް ހިނގާފައިވާ ކަމަށް އެ ދައްކަނީ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ބަޖެޓުގެ ހަރަދަށް ކަނޑައަޅާފައިވުމުން ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާތަނަށް އެ ފައިސާ އެއްވެސް ޕާޓީއަކަށް ދޫ ނުކުރާ ކަމަށާއި އެ ފައިސާ އަކީ ދައުލަތުން ކުރަން ޖެހޭ ހަރަދެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އީސީން ހާމަކޮށްފައިވާ އިރު، 5 ޕާޓީއަކަށް ފައިސާ ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން އީސީގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 10،000 މެންބަރުން ހަމަވި 5 ސިޔާސީ ޕާޓީއަކަށް ޖުމްލަ 27،981،256 ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ. މި ފައިސާ ދޫކުރަން ފަށާނެ ވަކި ތާރީހެއް އީސީން ހާމަކޮށްފައި ނުވެއެވެ.
ފައިސާ ދޫކުރާ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ 68،968 މެންބަރުން ހިމެނޭ ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ އެވެ. އެއަށް ފަހު 43،755 މެންބަރުން ހިމެނޭ އެމްޑީޕީއަށް 8.5 މިލިއަން ރުފިޔާ، 13،826 މެންބަރުން ހިމެނޭ ޖުމްހޫރީ ޕާޓީއަށް 2.7 މިލިއަން ރުފިޔާ، 9،210 މެންބަރުން ހިމެނޭ އެމްޑީއޭއަށް 1.8 މިލިއަން ރުފިޔާ އަދި 9،049 މެންބަރުން ހިމެނޭ އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ދިނުމަށް އީސީން ވަނީ ނިންމާފައެވެ.