ރާއްޖެ އޮންނަ ގޮތުން ވެރިއަކަށް ހުންނަ ބޭފުޅަކަށް ހަމަޖެހިލައިގެން ގައުމު ހިންގޭނީ ވެރިކަމުގެ މުއްދަތަށް 10 ނުވަތަ 15 އަހަރަށް ދީގެން ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ޔޫޓިއުބް ޗެނަލް ދެނޯގެ ދެވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ، އޭނާއަކީ މުއްސަންޖެއް ނޫން ކަމަށާއި އޭނާ އަކީ ދަރަނިވެރިއެއް ކަމަށެވެ. އެންމެ ފުރަތަމަ ރަށެއް ނަގައިގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެއްވީ ވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާއި ން ލޯނެއް ނަންގަވައިގެން ކަމަށާއި އަދި ވިޔަފާރީގައި އެކި ކަންކަމަށް ރާއްޖެއިން ބޭރުގެ ބޭންކުތަކުން ވެސް ލޯން ނަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިހާރު އެކި ބޭންކްތަކުން ނަގާފައިވާ ލޯންތަކުގެ ޖުމްލަ އަދަދު 200 މިލިއަންއަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް "ލާރި ލިބޭނީ ލާރި ގޮސްގެން" ކަމަށް އުއްޗު ވިދާޅުވެފައިވާ އިރު، މިކަމާ ގުޅޭ ގޮތުން އުއްޗު މިސާލު ޖައްސަވަމުން ވިދާޅުވީ ލާރި ގޮސްގެން ބުނަނީ މި ސަބަބާ ހުރެ ކަމަށެވެ. ލާރި ގޮސްގެން އަނބުރާ ލާރި ނުލިބެނީ ވިޔާނުދާކޮށް އެކަން ކުރާތީ ކަމަށް އުއްޗު ވިދާޅުވިއެވެ.
ގައުމުގެ ހާލަތާ މެދު ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ، ރައްޔިތުން އެދޭ ކަންކަން ކޮށް ދިނުމަށް ވެރިމީހާ ފައިސަ ހަމަޖައްސައިގެން އެ ކަންކަން ކޯށް ދިނުމަސް ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން އެކަމެއް އެހާ ބޮޑަށް އެދޭ ކަމަށް ވާ ނަމަ ޖެހެނީ ސަރުކާރުން ވެސް ލޯންތައް ނަގައިގެން ރައްޔިތުން އެދޭ ކަންކަން ކޮށް ދިނުމަށް ކަމަށް އުއްޗު ވިދާޅުވިއެވެ.
ރާއްޖޭގެ 200 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭއިރު، އެ ހުރިހާ ތަނަކަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭންޖެހޭ ކަމަށާއި، ރާއްޖެ އުފެދިފައިވާ ގޮތުން ކަންކަން ކޮށްދިނުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް އުއއްޗު ފާހަގަ ކުރެއްވިއެވެ. އެކަންކަން ކޮށްދެނީ ވެރިކަމަށް އަންނަ މީހާގެ ޖީބުން ނޫން ކަމަށާއި އެ ހުރިހާ ހަރަދެއް ކުރަނީ ރައްޔިތުން ދައުލަތުގެ ބައިތުލްމާލަށް ދޭ ފައިސާއިންކަމަށް ވާއިރު، އެފައިސާއިން ނުވާ ކަންކަން ކުރަންޖެހެނީ ލޯނު ނަގައިގެންކަން އުއްޗު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ދައުރަކީ 5 އަހަރަށް ވާއިރު، އެ މުއްދަތުގައި އެ ހުރިހާ ކަމަކަށް ބަލައި އެ މުއްދަތުގެ ތެރޭގައި ކަންކަން ކުރުމަކީ ވާނޭ ކަމެއް ނޫން ކަން އުއްޗު ފާހަގަކުރެއްވިއެވެ. ދެން ތެޅިގަނެގެން ލޯނު ނަގައިގެން ކަންކަން ކުރަން ޖެހުމުގެ ނަތީޖާއަކަށް ވެގެންދަނީ ނަގާ ލޯނާ ނުބައްދަލު ހަރަދުތަކެއް ދައުލަތުގެ ބައިތުލްމާލުން ކުރަންޖެހުން ކަމަށް އުއްޗު ފާހަަގަ ކުރެއްވިއެވެ.
އެއީ ރާއްޖެ އޮންނަގޮތުން ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ވެސް މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ރަނގަޅު މުއްދަތެއް ލިބިގެން ކަމަށާއި ވެރިކަމުގެ ދައުރު 5 އަހަރު ކުރުކަމަށް އުއްޗު ވިދާޅުވިއެވެ. ހަމަޖެހިލައިގެން ގައުމު ހިންގޭނީ ވެރިކަމުގެ މުއްދަތު 10 ނުވަތަ 15 އަހަރަށް ބަދަލުކޮށްގެން ކަމަށް އުއްޗު ވިދާޅުވިއެވެ.