ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލް އިން ބުނީ މި ހަރަކާތަކީ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތެއް ކަމަށާއި، މި ހަރަކާތް މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަނީ ސެޕްޓެމްބަރު 8 ވަނަ ދުވަހަށް ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެއް ކަމަށެވެ.

ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތައްވާއިރު މި ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރެވެ.

އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވެފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.