ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ ބޭއްވުމަށް ޒުވާނުންގެ މަރުކަޒު ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މިރޭ ބުނި ނަމަވެސް، ޕީއެންއެފުން އެކަން ދޮގުކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިރޭ 10 ޖަހާއިރު ޣިޔާސުއްދީން ސްކޫލުގައި ބާއްވާ ގޮތަށެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޣިޔާސުއްދީން ސްކޫލުން އެދިގެން ފުލުހުން ހުރަސް އެޅުމުން، އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ އެންމެ ފަހުން ބަދަލުކުރީ ރާޅުގަނޑު ސަރަހައްދަށެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ، ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު 'ދާދި ދެންމެ' އަންގަވާފައިވާ ކަމަށެވެ. މީޑިއާތަކަށް އެ މެސެޖު ލިބުނުއިރު ޕީއެންއެފުން ގެންދިޔައީ މިރޭ ޖަލްސާ ބޭއްވުމަށްޓަކައި ރާޅުގަނޑު ސަރަހައްދު ތައްޔާރުކުރަމުންނެވެ.

ޚަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖު ދޮގުކުރައްވައި، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާޅުގަނޑުގައި ޕީއެންއެފްގެ ޖަލްސާ މި ބާއްވަނީ ސަރުކާރުން އެއްވެސް ތަނެއް ހަމަޖައްސައިނުދިނުމުން ކަމަށާއި، ތަނެއް ހަމަޖައްސައިދިން ކަމަށް ސަރުކާރުން ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"މިރޭ އަޅުގަނޑުމެން ލޮލަށް، އަނގަޔަށް ޕެޕާ ސްޕްރޭ ޖެހީ،" މަލީހުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅަން ޖެހުނު މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް އެއްވެސް ބަހެއް ނުބުނެއެވެ.

ސިޔާސީ ޕާޓީތަކުގެ ހަރާކާތްތަކަށް ސްކޫލުތަކުގެ ހޯލުތައް ދޫކުރުމަކީ ހަމަޖެހިފައި އޮންނަ އާންމު އުސޫލެއް ނަމަވެސް ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އަޅަން ޖެހުނު ސަބަބު އަދި ސާފުކޮށް އެނގޭގޮތެއް ނުވެއެވެ.

ޕީއެންއެފަކީ ޔާމީން އިސްވެ ހުންނަވައި އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީންގެ ނަމުގައި އުފައްދަމުން ގެންދާ ޕާޓީއެކެވެ. އެ ޕާޓީއަކީ މިހާރު ވެރިކަމުގައި އޮތް ޕީއެންއެފާއި ޕީޕީއެމްގެ ތެރޭގައި އުފެދުނު ސިޔާސީ ހިޔާލުތަފާތުވުމުގެ ތެރޭގައި ވަކިވި މެންބަރުން ހިމެނޭ ޕާޓީއެކެވެ.