ހުޅުމާލެ އާ ކައިރިން ލޯންޗަކާއި ޑިންގީ އެއް ޖެހި ހިނގި ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މިރޭ 8 ޖަހާކަން ހާއިރު، ހުޅުމާލެ އާ ކައިރީގައި އޮންނަ ބަނާނާ ރީފް ކައިރީގައި 'ބްލޫ ސާޖިއަން' ނަމަކަށް ކިޔާ ލޯންޗަކާއި ޑިންގީ އެއް ޖެހި ހިނގި ކަނޑުމަތީގައި ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އިތުރު ތަފްސީލު ހިއްސާކުރަމުން ފުލުހުން ބުނީ، އަނިޔާވީ ޑިންގީގައި ތިބި ދިވެއްސަކާއި ބިދޭސީއަކަށް ކަމަށެވެ. ނަމަވެސް ލޯންޗުގައި ތިބި 22 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗު ދަތުރުކުރަމުން ދިޔައީ ކ. ހިންމަފުށިން ޝެރަޓަން ރިސޯޓަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި ދެ މީހުންނަށް މާ ސީރިޔަސް އަނިޔާއެއް ނުލިބެއެވެ.