ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދުގެ ފިލްމު ކުންފުނި ނިއުޒޯ ފިލްމްސް އިން މިދިޔަ އަހަރު ގެނެސްދިން ފިލްމު "ކަޅަކި" މީޑިއާނެޓްގެ އެމްސްއެމް ވީޑިއޯ ކުލަބުން ސްޓްރީމްކުރަން ނިންމައިފިއެވެ.

އީދު ހަދިޔާއެއްގެ ގޮތުގައި މި ފިލްމު ވީޑިއޯ ކުލަބުން ސްޓްރީމްކުރުމަށް ނިންމާފައިވަނީ އީދު ދުވަހުއެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ މި ފިލްމަކީ ބިރުވެރި ޖޯންރާ އަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ޔޫއްޕެ ގެ އިތުރުން ލަހުފާ، ވާޝިޔާ، އާމިނަތު ރިޝްފާ، މުހައްމަދު މަނިކު އަދި އަލީ ސީޒަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ލަންކާގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.

ކަޅަކި ފިލްމަކީ އެކުވެރި ގްރޫޕުގަނޑެއް މަޖާކޮށްލަން ޗުއްޓީ ދުވަސްވަރު ދާ މަންޒިލުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިދަތުރުގައި އާދަޔާ ހިލާފު އެތައް ކަންތައްތަކެއް އެކުވެރިންނަށް ކުރިމަތިވެގެން ދާއިރު ސިއްރުން ފުރިގެންވާ ކަންތައްތަކެއްވެސް އެމީހުންނަށް އެނގިގެންދާނެ ފިލްމެކެވެ. ބިރުވެރި ތްރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ އެކުވެރިންތަކެއްގެ ޗުއްޓީ ހަރާބު ކޮށްލާނެ ފިލްމެކެވެ.

މީޑިއާނެޓުގެ ވީޑިއޯ ކުލަބުން މި ފިލްމު ސްޓްރީމްކުރަން ނިންމާފައިވާއިރު މި ފުރުސަތަކީ އޮލިމްޕަސް ސްކްރީނުން ފިލްމު ނުބެލުނު މީހުންނަށް ފިލްމު ބަލައިލަން ލިބުނު ރަނުގެ ފުރުސަތެކެވެ.