ކުޑަކުދިން ކުށްކުރާ މައްސަލަ ހައްލުކުރުމަށް، ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ހަގުކުރުމަކީ މިކަމުގެ ހަލެއް ނޫންކަމަށާއި މިކަމަށް އޮތް ހައްލަކީ ރިހެބިލިޓޭޝަން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރޭ ޝަމީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށްކުރާ އުމުރުގައި އުޅޭ ކުދިންނަށް ދައުލަތުން ފޯކަސް ކޮށްގެން ޕްރޮގްރާމެއް ހިންގިއްޖެ ނަމަ، އެކަން ކާމިޔާބު އިންވެސްޓްމަންޓަކަށް ވެގެން ދާނެކަމަށެވެ.

ގާނޫނީ ނިޒާމު އޮތް ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރުކަން ފަހަގަކޮށް ޝަމީމް ވިދާޅުވީ އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށެވެ. އަދި އެ ހާލަތުގައި ފިޔަވަޅު އެޅޭނެ ނިޒާމާ އަދި އެކަމާބެހޭ ގަވާއިދުތައް ވެސް ހެދިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ކުށްކުރާ ކުޑަކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށާ އަދަބު ދީގެން ކުށްކުރާ ބަޔަކު އުފެއްދުމުގެ ބަދަލުގައި، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިވުމަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީ ކަމުގައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުދިންނަށް ދެނީ އަދަބެއް ނޫން ކަމަށާއި އެ ކުދިންނަށް ދެނީ ފަރުވާކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލައިފި ނަމަ، ކުށްވެރީންގެ ޖީލެއް އުފެދިގެން ހިނގައިދާނެކަމަށެވެ. "އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ އެއްވެސް ސަބަބެއް ނުފެންނާނެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހޭނެ" ޝަމީމް ވިދާޅުވިއެވެ.

އއ. ރަސްދޫގައި 2 ކުއްޖަކު ވެގެން ކުޑަކުއްޖަކަށް ހަނގާ ކޮށް އަނިޔާ ކުރި މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނުގައި ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ މިހާރު އޮތްގޮތަށް އޮތުމަކީ ރާއްޖޭގެ މާހައުލުގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ މިންވަރަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ވިސްނުމަކީ އެ އުމުރު 12 އަހަރަށް ތިރި ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމެވެ.