ރަމަޟާން މަހަށް ހާއްސަކޮށްގެން ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ނުގެންދެވުނު ފަރާތްތަކަށް ދެން މި ތަކެތި ދޫކުރާނީ އެސްޓިއޯ ގުދަނުންކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުން ކާޑުގެ ބާވަތްތައް ނުގެންދެވި ހުރި ފަރާތްތަކަށް އެޕްރީލް 04، 2024 އިން ފެށިގެން އެޕްރީލް 09، 2024 ނިޔަލަށް އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް ހަނޑޫ އަދި ފުށް ދޫކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެސްޓިއޯ އިން ބުނީ ހަދިޔާ (ހަނޑުލާއި ފުށް) ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަމަށެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުން ރޯދަމަހަށް ހާއްސަ ކޮށްގެން ކޮންމެ ގޭބީސީ އަކަށް ދޫކުރަމުން ދަނީ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށެވެ.