ހުޅުމާލެ ފޭސް 3 ގައި ހުރި އުޅަނދުތަކެއް ނަގަން އެޗްޑީސީއިން އަންގައިފިއެވެ.

އެޗްޑީސީއިން ބުނީ ފޭސް 3 ގެ ބިންހިއްކަމުންގެންދާ ސަރަހައްދުގެ ސައިޓް ބީ ގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ. އަދި އެކުލަވާލެވިފައިވާ ޗާޓުގައި ފެހިކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12 ޖެހުމުގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ.

އެޗްޑީސީއިން ބުނީ އެގޮތުން ނެގޭ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.

އެގޮތުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުން ދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ އެ ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.