ޗައިނާއިން އުތުރުތިލަ ފަޅަށް އިންވެސްޓުކުރަނީ ދަނޑުވެރިކަން ކުރަން ނޫން ކަމަށާއި އެއީ އަސްކަރީ މަގްސަދެއް އޮވެގެން ކުރާ ކަމެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީއިން ރޭ ބޭއްވި މާފަންނު ދެކުނު ދާއިރާގެ ކެމްޕޭން ޖަލްސާގައި ފައްޔާޒު ވަނީ މާލެ ސަރަހައްދުން ބިމެއް ހިއްކައިގެން ރަނގަޅު އިގްތިސާދީ މަސައްކަތެއްކޮށް ނުވަތަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އޮއްވާ ދަނޑުވެރިކަން ކުރަން ދޭން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގައި ސުވާލު އުފެދޭކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވިދާޅުވީ އުތުރުތިލަ ފަޅުގައި ޖިއޯޕޮލިޓިކްސް ވަރަށް ގިނަ ކަންތައްތަކެއް ގުޅިފައިވާކަމަށާއި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ވަރުގަދަ ބަނދަރެއް އޮތް ކަމަށެވެ.

"އެތާ ކުރިމައްޗަށް އެ އަންނަނީ މި ހިސާބުން ދުރު، ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަންވެގެން. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ތެރޭގައި ތިން މަސް ވަންދެން މި ދެންނެވި ގައުމުގެ ނޭވީ އުޅަނދެއް ރާއްޖޭގެ ކަނޑުއަޑި ބަލަމުން ޗާޓެއް ހަދަމުންދާކަން." ފައްޔާޒު ވިދާޅުވިއެވެ.

މިހާރު މި ސަރަހައްދުގައި ކަން ހިނގަމުންދާ ގޮތުން ފެންނަނީ މި ސަރަހައްދު ހަގުރާމައާއި ދިމާއަށް ދާ މަންޒަރުކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ މިހާރު ފެންނަނީ މާ ދުރުގައި އޮތް ބާރެއް ގެނެސް، މި ސަރަހައްދަށް އިންޑިއާ ކަނޑުގެ ތެރެއަށް ވައްދައިގެން، މުޅި އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ނަގާލަން އުޅޭތަންކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެ ނަމަ އުތުރުތިލަ ފަޅުން އަދިވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ދޭނެ ކަމަށެވެ.